ގަހަކަށް އަރައި ބެރީސް ބިންނަން ބޮލީވުޑްގެ ތަރި، ސަލްމާން ޚާން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އޭނަގެ އިންސްޓަގްރާމާއި ފޭސްބުކްގައި މި ވީޑިއޯ އިއްޔެ ޕޯސްޓްކޮށްފައި ވަނީ "ބެރީ ގުޑް ފޯ ޔޫ" ލިޔެފަ އެވެ. ސަލްމާންގެ ފާމްހައުސްގައި ނަގާފައިވާ މި ވީޑިއޯގައި ފެންނަނީ އޭނަ ބެރީ ގަހަށް އަރައި ބެރީތައް ބިންނަން މަސައްކަތްކުރާ އިރު ގަހުގެ ދަށުގައި އިތުރު ބަޔަކު ސަތަރިގަނޑެއް ދިއްކޮށްގެން ތިބޭ ތަނެވެ.
ސަލްމާން ގަހަށް އަރައި އޮފިތައް ހަލުވަން ފެށުމުން ސަތަރިގަނޑަށް ބެރީސްތައް ވެރޭ މަންޒަރު ފެނެ އެވެ. ސަލްމާނަކީ ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް ނޫޅޭ ނަމަ އޭނަގެ ފާމްހައުސްގައި އަބަދު ވެސް ގިނަ ވަގުތު ހޭދަކުރާ އެތަނުގައި ތަފާތު އެކިއެކި ކަންކަން ކުރާ މީހެކެވެ.
ބެރީސް ބިންނަ ވީޑިއޯ އަށް ފޭސްބުކްގައި ކޮމެންޓްކުރި ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރީ އުމުރުން އެހާ ދުވަސްވީ އިރު، ސަލްމާން ފިޓްކަމުގެ ވާހަކަ އެވެ. އެހެންވެ މިހާރު ސަލްމާން މުސްކުޅިވެފައިވާ ކަމަށް ބުނެ ޖޯކް ޖަހާ މީހުންނަށް މި ވީޑިއޯ އަކީ ސަލްމާނަކީ ފިޓްނެސް އަށް ބަލާ އިރު، ދެގޮތެއް ނުވާ މީހެއް ކަމަށް ބުނެފައިވެ އެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ 27 ގައި އޭނަ އަށް 60 އަހަރު ފުރޭނެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 30 ގައި ރިލީޒްކުރި އެކްޝަން ތުރިލާ "ސިކަންދަރު" އެވެ.