ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރްގެ ދައްތަ ރިދިމާ ކަޕޫރް ސާނީ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މަންމަ ނީތޫ ކަޕޫރް ވެސް ހިމެނޭ މި ކޮމެޑީ ފިލްމުގެ އެކްޓަރަކީ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އެވެ.
ޕިންކްވިލާ އިން ބުނީ ރިދިމާ އާއި މަންމަ ނީތޫގެ އިތުރުން ކަޕިލް މައިގަނޑު ރޯލުތައް ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަކްޝޭ ކުމާރުގެ 2012 ގެ "ކިލާޅީ 786" ގެ ގެނެސްދިން ޑައިރެކްޓަރު އާޝިޝް އާރް މޯހަން ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި އަދި ނަން ސާފު ނުވާ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ޗަންދީގަޅްގައި ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވިޔަސް ރިދިމާ، 44، އަކީ މިހާތަނަށް އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާ، ބޮލީވުޑް ވަރަށް ދުރު މީހެކެވެ. އެގޮތުން ކަޕޫރް ޚާންދާނަށް ނިސްބަތްވާ ބަތަލާއިން ކަމަށްވާ އަދި ރިދިމާގެ ކަޒިންތައް ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރާ ހިލާފަށް ރިދިމާ އަކީ އެއްވެސް އިރެއްގައި އެކްޓިން އަށް ޝައުގުވެރިކަން ދިން މީހެއް ވެސް ނޫނެވެ.
އެކަމަކު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން މިހާތަނަށް ތިން ސީޒަނެއް ގެނެސްދިން ރިއަލިޓީ ސީރީޒް "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ތިން ވަނަ ސީޒަންގައި ރިދިމާ ބައިވެރިވެފައިވެ އެވެ.
ޖުވެލަރީ ޑިޒައިނަރެއް ކަމަށްވާ ރިދިމާ ކައިވެނިކޮށްގެން އުޅެނީ ނިއު ދިއްލީގެ ވިޔަފާވެރިއެއް ކަމަށްވާ ބާރަތު ސާނީ އެވެ. އެ ދެ މީހުންގެ ދަރިފުޅަކީ މިހާރު އުމުރުން 18 އަހަރުގެ ސަމާރާ ކަޕޫރް ސާނީ އެވެ.