Last Updated: June 6, 10:42
Saturday, June 6, 2026
ޚަބަރު

އިބްރާހީމް ޒާހިރު ނިޔާވި ހާދިސާގައި ޑޮކްޓަރުގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅާނަން: ޝާހް

މޭގައި ރިއްސާތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ، ސ.ހިތަދޫ ރޯޝަނީގޭ އިބްރާހީމް ޒާހިރު އަށް ހާޓްއެޓޭކެއް ޖެހިގެން ނިޔާވި މައްސަލަ ބެލުމަށް ފަހު އެކަމުގައި ޑޮކްޓަރުންގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވެއްޖެއެވެ.

ޝާހު ވިދާޅުވި ގޮތުގައި އިބްރާހީމް ޒާހިރު ނިޔާވުމުގައި ޑޮކްޓަރުގެ އިހުމާލެއްވާކަމެއް ނުވަތަ ނޫން ކަމެއް މިވަގުތަށް ބުނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެކަން ހިނގައި ދިޔަގޮތް ބަލާނެ ކަމަށެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި، އިބްރާހިމް ޒާހިރް ނިޔާވި ހާދިސާ ހިނގި ގޮތް ބެލުމަށް ޓަކައި އެވަގުތު ޑިއުޓީގައި ތިބި ބައެއް މުވައްޒަފުންނާއި މެނޭޖްމެންޓުގެ ފަރާތުން ވަނީ ސުވާލު ވެސް ކޮށްފައެވެ.

އިބްރާހިމް ޒާހިރް ނިޔާވި މައްސަލައާއި ގުޅިގެން މައްސަލަ ބޮޑު ކުރަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ކަންތަައް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް އޭނާގެ އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.