Last Updated: April 18, 20:01
Friday, April 18, 2025
ދުނިޔެ

އަނެއްކާ ވެސް ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާ ދީފި

މީގެ ކުރިން ވެސް ފަލަސްތީނުގެ އެތައް ހޮސްޕިޓަލެއް ސުންނާތިކޮށްލާފައި ވަނިކޮށް އިޒްރޭލުން އަނެއްކާ ވެސް ގާޒާގެ ހޮސްޕިޓަލަކަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.

ރޭގެ ވަގުތެއްގައި ހަމަލާ ދީފައި ވަނީ އުތުރު ގާޒާގެ "އަލް-އަހްލީ އަރަބް ހޮސްޕިޓަލް" އަށެވެ. ދެ ބުރީގެ އެ ހޮސްޕިޓަކަށް ދިން މިސައިލްގެ ވަރުގަދަ ހަމަލާތަކާ ގުޅިގެން ހޮސްޕިޓަލްގެ އައިސީޔޫ އާއި ސާޖަރީ ޑިޕާޓްމަންޓް ވަނީ ސުންނާފަތިވެފައެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުމެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާ ކުށްވެރިކޮށް ހަމާސް އިން ބުނީ ތަކުރާރުކޮށް ހޮސްޕިޓަލް ފަދަ ތަންތަނަށް އަނިޔާވެރި ޔަހޫދީން ހަމަލާ ދެމުން ދަނީ ގަސްތުގައި ކަމަށާއި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ބައެެއް މީޑިއާތަކުގެ ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި 'އަލް-އަހްލީ ހޮސްޕިޓަލް" އަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ހަމަލާ ދިނުމުގެ ކުރިން އެތަނުގެ ޑޮކްޓަރަކަށް ގުޅައި، ތަން 20 މިނިޓްގެ ތެރޭގައި ހުސްކުރުމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އެ ހޮސްޕިޓަލަށް ހަމަލާދިން އިރު، އެތަނަކީ މި ވަގުތު ގާޒާގައި ހިދުމަތް ދެވޭ ހާލަތުގައި ހުރި ހަމައެކަނި ހޮސްޕިޓަލް ވެސް މެ އެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ އޮކްޓޯބަރު 7، 2023 އިން ފެށިގެންނެވެ. މި ހަމަލާތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މެދުކަނޑާލާފައި އޮތުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި އިޒްރޭލުން ވަނީ ކުރިއެކޭ އެއްގޮތަށް ހަމަލާތައް ތަކުރާރު ކުރަމުންނެވެ.

ފަލަސްތީނުގެ ނަސްލު ނައްތައިލަން ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 50،000 އަށް ވުރެ ގިނަ އެވެ.