Last Updated: May 8, 13:19
Thursday, May 8, 2025
މުނިފޫހިފިލުވުން

ކަރީނާގެ 'ދާއިރާ' އިއުލާންކޮށްފި

ކަރީނާ ކަޕޫރާ އެކު ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދަން ނިންމާފައިވާ ފިލްމު "ދާއިރާ" ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މި ފިލްމުގެ ވާހަކަ ދެކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ.

ފިލްމު ރަސްމީކޮށް އިއުލާންކުރި އިރު، މި ކްރައިމް ޑްރާމާގެ ބަތަލަކަށް ނަގާފައި ވަނީ މަޝްހޫރު މަލަޔާމް އެކްޓަރު ޕްރިތިވީރާޖް ސުކްމަރަން އެވެ. އޭނަ އަކީ ކަރީނާ ދޮންދަރިއެއް ކަމަށްވާ އިބްރާހީމް އަލީ ޚާން (އިގީ) ގެ ކުރިއަށް އިތް ފިލްމު "ސަރުޒަމީން" އިން ވެސް ފެންނާނެ ތަރިއެކެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭނެ އެ ފިލްމުގެ ކާސްޓްގައި ކާޖޮލް ވެސް ހިމެނެ އެވެ.

ޕްރިތުވީ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި ރާނީ މުކަރްޖީގެ 2012 ގެ "އައްޔާ" އާއި އަކްޝޭ ކުމާރުގެ މިދިޔަ އަހަރުގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ހިމެނެ އެވެ.

ކަރީނާގެ "ދާއިރާ" ގެ ބަތަލަށް ޕްރިތުވީރާޖް ނެގި އިރު، މި ފިލްމުގެ ބަތަލުގެ ރޯލު ކުޅޭނީ އަޔޫޝްމަން ކްރާނާ ކަމަށް ކުރިން އަޑު އަރާފައިވެ އެވެ.

މި ފިލްމު ވާނީ މެގްނާއާ އެކު ކަރީނާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.

ކުރީގެ މަޝްހޫރު ބަތަލާ ރާކީ އާއި މަޝްހޫޅު ޅެންވެރިޔާ ގުލްޒާރްގެ ދަރިފުޅު، މެގްނާގެ އެންމެ ފަހުގެ ފިލްމަކީ 2023 ގައި ވިކީ ކޯޝަލާ އެކު ގެނެސްދިން ތާރީހީ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" އެވެ. އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" އާއި އާލިއާ ބަޓްގެ "ރާޒީ" އަދި އިރުފާން ޚާންގެ "ތަލްވާރު" ހިމެނެ އެވެ.

"ދާއިރާ" މިއަދު އިއުލާންކުރި ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސިންގަމް އެގެއިން" އެވެ.