Last Updated: April 18, 20:01
Friday, April 18, 2025
މުނިފޫހިފިލުވުން

ސަލްމާންގެ ކާރު ގޮއްވައިލާނެކަމުގެ އިންޒާރެއް!

މިހާތަނަށް ތަކުރާރުކޮށް އެކި ފަހަރު މަތިން މަރުގެ އިންޒާރުތަކެއް ލިބިފައިވާ ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ ކާރު ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.

މީޑިއާތަކުން ބުނީ އިއްޔެ އެ މެސެޖް ވަޓްސްއެޕް މެދުވެރިކޮށް ދީފައި ވަނީ މުމްބާއީގ ވޯރްލީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓަށް ކަމަށެވެ. ކާކުކަން ނޭނގޭ ގޮތަށް ފޮނުވި އެ މެސެޖްގައި ވަނީ ސަލްމާންގެ ގެއަށް ވަދެ އޭނަ މަރައިލާނެ ކަމަށާއި އަދި ކާރުގައި ބޮން ހަރުކޮށް ގޮއްވައިލާނެ ކަމަށް ބުނެފަ އެވެ.

އެ މެސެޖާ ގުޅިގެން ފުލުހުން މިހާރު ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް އިންޑިއާ ޓުޑޭ އިން ބުންޏެވެ.

މިިދިޔަ އަހަރު ވެސް ބަޔަކު، މުމްބާއީގައި ހުންނަ ސަލްމާންގެ ގެ "ގެލެކްސީ" އަށް ބަޑީގެ ހަމަލާތަކެއް ދީފައިވެ އެވެ. އެކަމާ ގުޅިގެން ގެ އާއި އޭނަގެ ސެކިއުރިޓީ ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވެ އެވެ. ދެހާސް ބާވީހުގައި ސަލްމާނަށް ލިބުނު މަރުގެ އިންޒާރުތަކަކާ ގުޅިގެން ހަށިރައްކަލަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ އަށް އެދުމުން އެ ހުއްދަ ވެސް ކަމާބެހޭ ފަރާތްތަކުން ދީފައިވެ އެވެ.

މީގެ އިތުރުން އެ އަހަރު ސަލްމާން ބުލެޓްޕްރޫފް ކާރެއް ވެސް ގަނެފައިވާ އިރު، އޭނަގެ ގޭގެ ބެލްކަނިތަކުގައި ބްލެޓްޕްރޫޕް ބިއްލޫރި ވެސް ޖަހާފައިވެ އެވެ.

ސަލްމާން، 59، އަށް ތަކުރާރުކޮށް މަރުގެ އިންޒާރުދޭތީ އޭނަގެ އާއިލާ ވެސް އޮންނަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.