Last Updated: April 30, 17:11
Wednesday, April 30, 2025
ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީގެ މައްޗަށް އިތުރު ދައުވާއެއް

ފެނަކަ ކޯޕަރޭޝަންހެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލައެއްގައި އޭނ އަށާއި އެތަނުގެ އޭރުގެ އެހެން ވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ސައީދުގެ އިތުރުން ދައުވާ ކުރަން ފޮނުވީ ފެނަކައިގެ ކުރީގެ ޗީފް އެކައުންޓެންޓް ރ. އުނގޫފާރު، ހިންމިޔާ، މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅޭ ގޮތުން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓް ފެނައިކައިން ގަނެފައި ވަނީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަދި ވަރަށް ބޮޑަށް ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

އެގޮތުން ފެނަކައިން 2023 ގައި ބޭއްވި 18 ވަނަ ބޯޑު ބައްދަލުވުމުގައި އައިސްޕްލާންޓް ގަންނަން ނިންމާފައި އޮތީ އެ ޕޮރޮޖެކްޓަކީ ކުންފުންޏަށް ގެއްލުން ހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ދަށް ޕްރޮޖެކްޓެއްކަން އެނގިތިބެ ކަމަށެވެ.

އަދި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކައާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މާމެންދޫގައި އައިސްޕްލާންޓެއް ބެހެއްޓުމަށް އޭރު އޮތީ ހަމަޖެހިފައި ކަމަށް ވެސް ބުންޏެވެ. އެގޮތުން މިނިސްޓްރީއާއެކު ހަދާފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބަހައްޓާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެދާނެ ކަމަށް ވިދާޅުވެ ބޯޑު މެންބަރުންނަށް ސައީދު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުހައްމަދު މަސްއޫދު ހުށަހަޅާފައިވާ އަގަކީ، މާކެޓް ވެލިއުއަށް ވުރެ މަތީ އަގެއްކަން ތަހުގީގަށް ވަނީ ހާމަވެފައިވާ ކަމަށާއި އައިސްޕްލާންޓް ފަދަ ތަކެތި ވެލިއޭޝަން ހެދުމުގެ ގާބިލުކަން ފެނަކައިގައި ހުރި ނަމަވެސް މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައި ވަނީ އޮޅުވާލައިގެން، ކަމަށެވެ.

އެހެންވެ އޭސީސީން އެދުނީ އެ މައްސަލައިގައި މަސްއޫސާއި ސައީދޔފެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދެ ކުށެށްގެ ދައުވާ ކޮށްދިނުމަށެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް އަމަލު ކުރުމުގެ ދައުވާ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އޭސީސީން ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.