Last Updated: April 30, 11:59
Wednesday, April 30, 2025
ޚަބަރު

އެޗްޑީސީގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

ތައާމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

އޭނަ އެޗްޑީސީގެ ބޯޑަށް ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަށް ހުންނެވި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގޭ މުޙައްމަދު ވަހީދު މި މަހުގެ 6 ގައި ވަކިކުރުމަށް ފަހު އެވެ.

އެޗްޑީސީގެ ބޯޑަށް ބަދަލުތަކެއް ގެންނަން ފެށީ "ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތި ދޫކުރި ކަމަަށް ބުނާ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި ފަހުންނެވެ.

އެގޮތުން އެ މައްސަލަ ފެންމަތިވި އިރު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު މިދިޔަ ޑިސެންބަރު މަހު ސަސްޕެންޑްކޮށްފައި މަގާމުން އިސްތިއުފާ ދެއްވިއެވެ.

އޭގެ ފަހުން އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ މުހައްމަދު މައުރޫފް ޖަމީލެވެ.

އަދި މިދިޔަ މަހުގެ ކުރީކޮޅު ވަނީ އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ނާސިފް ބޯޑުން ވަކިކޮށް، ވެމްކޯގެ ޗެއާމަނަކަށް ބަދަލުކޮށްފަ އެެވެ.