Last Updated: April 30, 18:29
Wednesday, April 30, 2025
ޚަބަރު

އިންޑިއާ ސަފީރު އައްޑޫގައި

ރާއްޖޭގައި މިހާރު ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބާލަސުބްރަމާނިއަމް އައްޑު އަށް ވަޑައިގެންފި އެވެ.

އޭނަ އައްޑު އަށް ވަޑައިގަތީ އިއްޔެ އެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިކް އިދާރާ އަށް ވެސް ޒިޔާރަތް ކުރައްވައި ކައުންސިލަރުންނާ ބައްދަލު ވެސް ކުރައްވާފައިވެ އެވެ. ކައުންސިލުން ބުނީ ސަފީރާ އެކު އޮތް ބައްދަލުވުމުގައި އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ސަފީރު އޮޅުން ފިލުއްވި ކަމަށެވެ. އިންޑިއާގެ އައްޑޫގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ މަގު ހެދުމުގެ ޕްރޮޖެކްޓާއި ގަން އެއާޕޯޓް ތަރައްގީ ކުރުން ހިމެނެ އެވެ.

މަގު ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޝާއިންނެވެ. ގަން އެއާޕޯޓް ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ރެނާޓަސް އެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އެ ގައުމުގެ ސަރުކާރުގެ ހިލޭގެ އެހީގައި ބިނާކޮށްފައިވާ އައްޑޫ ޕޮލިސް ކޮލެޖް ވެސް ހިމެނެ އެވެ. އެތަން ހުޅުވީ 2022 ގަ އެވެ.

އިންޑިއާ ސަފީރުގެ ދަތުރުގައި އައްޑޫގެ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދު ވެސް ޒިޔާރަތްކުރައްވާފައިވެ އެވެ.

މިއީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަފީރުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގަތް ފަހުން އާ ސަފީރު އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.