ސަލްމާން ޚާންގެ ކޮއްކޮ، ސުހައިލް ޚާން ގިނަ ދުވަސްތަކެއް ފަހުން ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އޭނަ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އާ ފިލްމަކީ ކޮމެޑީއެެއް ކަމަށާއި އޭގެ ބަތަލުންނަށް ސަންޖޭ ދަތާއި އާޔޫޝް ޝަރުމާ ހަމަޖައްސާފައިވާ ކަމަށެވެ.
އާޔޫޝް އަކީ ސުހައިލްގެ ޅިޔަނެކެވެ. "ލަވްޔާތުރީ" އާއި "އަންތިމް" އަދި "ރުސްލާން" ކުޅުނު އާޔޫޝް އަކީ ސުހައިލްގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ.
ޕިންކްވިލާ އިން ބުނީ ނަން އަދި ފައިނަލް ނުކުރާ ސުހައިލްގެ އާ ފިލްމުގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށަން ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އޭނަގެ އާ ޑައިރެކްޝަންގެ ރޯލެއް ސަންޖޭ އަށް ހުށަހެޅި އިރު، ކުރިން ވެސް ސުހައިލް ޑައިރެކްޓްކުރި ފިލްމެއް ސަންޖޭ ކުޅުނެވެ. އެއީ 2002 ގެ "މޭނޭ ދިލް ތުޖުކޮ ދިޔާ" އެވެ.
އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސުހައިލް، 55، އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ ސްޕޯޓްސް ކޮމެޑީ ޑްރާމާ "ފްރީކީ އަލީ" އެވެ. އޭނަ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޖޭ ހޯ"، "ހެލޯ ބްރަދާ"، "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ" އަދި "އޯޒާރު" ހިމެނެ އެވެ.