ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން "ޣައްޒާއާ އެކު އައްޑޫ" ގެ ނަމުގައި އަންނަ ހުކުރު ދުވަހު އައްޑޫގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
މިއީ ދީނީ އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އިވެންޓެވެ. "ޣައްޒާއާ އެކު އައްޑޫ" އޮންނާނީ ހުކުރު ދުވަހު ހަވީރު ހިތަދޫ ސިޓީ ސްކެއާގަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު އައްޑޫ ރައްޔިތުން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން މީގެ ކުރިން ވެސް އައްޑޫގައި ތަފާތު ހަރަކާތްތަކެއް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި ވެހިކަލް ބުރުތަކާއި ފަލަސްތީނަށް އެހީވާން ފައިސާ އެއްކުރުން ފަދަ ހަރަކާތްތައް ހިމެނެ އެވެ.
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ "ފަލަސްތީން ފޯރަމް" ގެ ދެވަނަ އެޑިޝަން ވެސް މިދިޔަ މަހުގެ ތެރޭގައި އައްޑޫގައި ބާއްވާފައިވެ އެވެ.
ޔަހޫދީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ވެސް ތަފާތު އެކިއެކި ހަރަކާތްތައް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓްގައ ރާއްޖެ އެތެރެވުން މަނާކުރާ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ވެސް ކުރައްވައިފަ އެވެ. މަޖިލީހުން އިއްޔެ އެ ބިލް ފާސްކުރީ އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވެގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ.