Last Updated: April 30, 11:35
Wednesday, April 30, 2025
ޚަބަރު

ފަނޑިޔާރުގެ ސަސްޕެންޝަން އުވާލާ: އެމްޑީޕީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސަސްޕެންޝަން އުވާލައި ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމު ކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވައިގެން އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިން ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށެވެ.

"މިއީ ހަމައެކަނި ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ދެކެން. އަދި މިއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެއް." އެމްޑީޕީން ބުންޏެވެ.

ސަސްޕެންޑްކުރީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސޫދާއި މަހާޒް އަލީ ޒާހިރެވެ. ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު އިސްތިއުފާ ދެއްވާފައިވެ އެވެ.

އެމްޑީޕީން ބުނީ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގު ކުރަނީ އިންސާފުވެރިކޮށް ވެސް ނޫން ކަމަށެވެ.

"ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން، ހާއްސަ ކޮމިޓީއެއް ހަދައިގެން މައްސަލަ ބަލާއިރު އެ މައްސަލައިގައި އިޖުރާއީ އިންސާފުވެރިކަމެއް ވެސް ނެތްކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވަރަށް ކަންބޮޑުވުމާއެކު ފާހަގަކުރަން،" އެ ޕާޓީން ބުންޏެވެ. "ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގު ނުދޭކަމާއި، ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަންނަކަމާއި، ވަކީލުންގެ ފުރުސަތު ވެސް ނުދޭކަން ހިތާމަޔާއެކު ފާހަގަކުރަން. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ވެސް ހިލާފަށް، އެ ފަނޑިޔާރުންނަށް ސީދާ ގޮތުން ކުރާ އަނިޔާއެއް."

އަދި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ ރާއްޖޭގެ ޑިމޮކްރަސީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއްވަމުންދާ ކަމަށް ބުންޏެވެ. އެމްޑީޕީން ބުނީ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލާ މުޅިން ހިލާފަށް ސަރުކާރުން ހިންގަމުންދާ މި އަމަލުތަކަކީ، ރާއްޖޭގެ ޑިމޮކްރަސީއަށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެން ދާނެ ކަންކަން ކަމަށެވެ.

"ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަކީ ހަމައެކަނި ވަކި ޕާޓީއެއްގެ ޒިންމާއެއް ނޫން. މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ޒިންމާއެއް،" އެމްޑީޕީން ބުންޏެވެ. އެހެންކަމުން، ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ މި މުހިންމު ދަނޑިވަޅުގައި އެންމެހައި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި، އަދި ބައިނަލްއަގުވާމީ ޖަމާއަތްތައް ވެސް ބައިވެރިވުމަށް ގޮވާލަން.