އައްޑޫގައި އިއްޔެ ފެށި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗް ބޮޑު ތަފާތަކުން ހިތަދޫ ޓީމް ކާމިޔާބްކޮށްފިއެވެ.
މިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެ ހިތަދޫ ޓީމް މޮޅުވީ 9-1 ލަނޑުންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ހިތަދޫ ޓީމުން ވަނީ 4 ގޯލް ޖަހާފައެވެ. މި މެޗްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައި އިތުބާރު މިޑްފީލްޑަރ ޝަންވީލް ގާސިމް (ބޮންޑާ) ވަނީ ހެޓްރިކް ހަދާފައެވެ.
އަދި ހިތަދޫ ޓީމްގެ ގާނާގެ ފޯވާޑް ޖޯޖް ޕޭން ވެސް ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ހިތަދޫ ޓީމްގެ ފޯވާޑް ޝުއާއު (ބްރޯ) 2 ލަނޑު ޖެހިއިރު، އެޓީމުގެ 9 ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ސައީދު (ލޮޖާ)އެވެ.
މި މެޗްގައި މީދޫ ޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ނާޒިފް އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ މަރަދޫފޭދޫ އާއި ފޭދޫ ބައްދަލުކުރި މެޗް 7-1 ލަނޑުން ކާމިޔާބް ކުރީ ފޭދޫ ޓީމެވެ.
އައްޑޫން ހަތަރު ޓީމް ވާދަ ކުރާ މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެދުވަހުގެ މެޗްގައި ބައްދަލު ކުރާނީ މީދޫ އާއި މަރަދޫފޭދޫ ޓީމެވެ. މެޗް ކުޅޭނީ ފޭދޫ ދަނޑުގައެވެ.