ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ އިދިކޮޅު އެންމެންގެ މައްޗަށް ދައުވާ އުފުލައި އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިމިވަނީ އެ ޕާޓީން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ދައުވާކުރަން މެޑަމް ސާޖިދާ މުހައްމަދުގެ ފަރާތުން ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދައުވާތަކަކީ ރައީސް މުއިއްޒުގެ ހުދުމުހުތާރުކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސް މުއިއްޒުގެ އެންގެވުމަށް ސާޖިދާ ކުރައްވާ ދައުވާތަކެއް ކަމަށެވެ.
ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނުވާނެ ކަމަށާއި ވަކިން ހާއްސަކޮށް، ދައުވާ އުފުލާފައިވާ މަންދީގެ ވާހަކައިގައި ވެސް އެއްވެސް ކުއްޖެއްގެ ނަމެއް ގެނެސްފައި ނުވާކަން އެ މުޒާހަރާގެ ރެކޯޑިންތަކުން ސާފުކޮށް އެނގޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރައީސްގެ ބޭފުޅަކާ ބެހޭގޮތުން ފައްޔާޒު އެއްވެސް ތަނެއްގައި ވާހަކަ ދައްކާފައި ނުވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ރައީސްގެ ދަރިކަލެއްގެ ނަން މީޑިއާގައި ތިލަކޮށް އެ ކުއްޖާގެ ކަރާމާތް ނަގާލާފައިވަނީ ރައީސްގެ އާއިލާގެ ފަރާތުން ވަކާލާތު ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.
މީގެއިތުރުން މި މައްސަލައިގައި ޕީއެންއެފްގެ އިސް ބޭފުޅުން ވެސް ފުލުހަށް ހާޒިރުކުރަމުންދާއިރު ރައީސް މުއިއްޒު ބޭނުންވަނީ އެމަނިކުފާނާއި އިދިކޮޅުވާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލައި އެމީހެއްގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މިފަދަ ދައުވާތައް އުފުލި ނަމަވެސް މި ވެރިކަމާ ދެކޮޅަށް ފަސްޖެހުމެއް ނެތި ތެދުވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.