Last Updated: April 30, 10:23
Wednesday, April 30, 2025
މުނިފޫހިފިލުވުން

'ޕްރޮޖެކްޓް 37' ގެ ރަސްމީ ނަން 21 ގައި

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ޕްރޮޖެކްޓް 37" ގެ ރަސްމީ ނަން މި މަހުގެ 21 ގައި އިއުލާން ކުރާނެކަން އެ ސްޓޫޑިއޯ އިން މިއަދު ހާމަކޮށްކޮށްފި އެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި މިހާރު އޮތް މި ފިލްމަކީ މީގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށް ގެނެސްދޭ އެކްޝަން ތުރިލާއެކެވެ. "ޕްރޮޖެކްޓް 37" ގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލެވެ.

މި ޓީމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ވެސް ޓީމެވެ. އޭގެ ކާމިޔާބީއާ ގުޅިގެން އަނެއްކާ ވެސް ހަމަ ޖޯންރާގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭން "ޕްރޮޖެކްޓް 37" ތައްޔާރީތައްވަމުން އަންނަ އިރު، މިއީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

ބެލެވޭ ގޮތުން 21 ގައި ފިލްމު ރަސްމީ ނަމާ އެކު ފިލްމު ރިލީޒްކުރާ ތާރީހު ވެސް ޑާކް ރެއިނުން އިއުލާން ކުރާނެ އެވެ.

"ޕްރޮޖެކްޓް 37" ގެ ކާސްޓްގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް އަދި ޖޭމް އައްލޯ ހިމެނެ އެވެ.

ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" އެވެ.