Last Updated: July 6, 19:19
Sunday, July 6, 2025
ދުނިޔެ

ކޭބަލް ކާރެއް ވެއްޓި 4 މީހަކު މަރުވެއްޖެ

އިޓަލީގެ ނޭޕްލްސްގައި ކޭބަލް ކާރެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ދެ މީހުންނަކީ ޗުއްޓީ އަށް ގޮސް އުޅުނު އިނގިރޭސިވިލާތުގެ ދެމަފިރިން ކަމަށެވެ. ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކީ ކޭބަލް ކާރުގެ ޑްރައިވަރެވެ.

ކޭބަލް ކާރުގެ ކޭބަލެއް ދިމާވި މައްސަލައަކާ ހެދި އެ ވެއްޓުނު އިރު، އޭގައި ޖުމްލަ ފަސް މީހަކު ތިއްބެވެ. އެގޮތުން ސަލާމަތްވި އެކަކަށް ހޮސްޕިޓަލް އަންނަނީ ފަރުވާ ދެމުންނެވެ. އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށް އަޕްލައިން ރެސްކިއު ސާވިސްއާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ވެއްޓުނު ކޭބަލް ކާރު ހިމެނޭ މައުންޓް ފައިޓޯ ކޭބަލް ކާރު ލައިންގައި އޮތް ކޭބަލް ކާރަކުން 16 މީހަކު ރައްކާތެރިކަމާ އެކު ސަލާމަތް ވެސް ކޮށްފައިވެ އެވެ. މައުންޓް ފައިޓޯ ކޭބަލް ކާރު ލައިނަކީ 1952 އަޅާފައިވާ ލައިނެކެވެ. އެތަނުގައި 1960 ގައި ވެސް ހިނގި ހާދިސާއެއްގައި ހަތަރު މީހަކު މަރުވެފައިވެ އެވެ.

ކޭބަލް ކާރެއް ވެއްޓުނު ހާދިސާ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

ކޭބަލް ކާރު ވެއްޓުނު ހާދިސާއާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައިވެ އެވެ.