Last Updated: April 30, 09:58
Wednesday, April 30, 2025
ޚަބަރު

ގަން އެއާޕޯޓް ޕްރޮޖެކްޓް އިންޑިއާ ސަފީރު ބަލައިފި

އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ސުބަރަމާނިއަމް ބައްލަވާލައްވައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ސަފީރު ބެއްލެވީ މި ހަފުތާގައި އައްޑު އަށް ކުރެއްވި ދަތުރުގައި އިއްޔެ އެވެ. އެގޮތުން މަޝްރޫއުގެ ތެރެއިން މިނާތަނަށް ނިމިފައިވާ މަސައްކަތްކާއި މަގު ހެދުމުގެ މަސައްކަތް ގޮސްފައި އޮތް ހިސާބު ވެސް ސަފީރާއި ޓީމުން ބައްލަވާލައްވައި އެންމެ ފަހުގެ މައުލޫމާތު ހޯއްދެވި އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސްއާ އެވެ. މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ޖޫން 4، 2023 ގަ އެވެ.

ޖުމްލަ 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދުވާ މި މަޝްރޫއު އަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 މިިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. މި އެއާޕޯޓް ތަރައްގީގެ މަޝަރޫއާ އެކީ މިތަން ވެގެން ދާނީ ދެކުނުގެ އިގުތިސާދީ މައި ހަބަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ތެރެއިން ގަމުގެ މަގުތައް ހެދުމުގެ މަސައްކަތަށް އީކްއޭޓަ ވިލެޖްގެ ސްޓާފް ބްލޮކަކާ ހެދި ހުރަސް އެޅިފައި އޮންތަނާ ދުވަސްތަކެއް ފަހުން އެކަން ހައްލުކޮށް، މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފައިވާ ގޮތުގައި އެއާޕޯޓް މަޝްރޫއުގެ 60 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.