Last Updated: April 30, 10:23
Wednesday, April 30, 2025
މުނިފޫހިފިލުވުން

އަރުޝަދު ވެސް ޝާހްރުކްގެ 'ކިންގް' ގައި

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ޝާހްރުކް ޚާންގެ އެކްޝަން ތުރިލާ "ކިންގް" ގެ ރޯލަކަށް އެކްޓަރު އަރުޝަދު ވަރްސީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ކާސްޓާ ބެހޭ ގޮތުން މި ފަހުން ގިނަ ވާހަކަތަކެއް ދެކެވިފައިވީ ނަމަވެސް ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާތީ ދެކެވޭ އެއްވެސް ވާހަކައެއް ކަށަވަރެއް ނުވެ އެެވެ. ނަމަވެސް "ކިންގް" އިން އަރުޝަދު ފެނުންވެގެން ދާނީ ޝާހްރުކްގެ ފިލްމެއްގައި އޭނަ ރޯލެއް ކުޅޭ ފުރަތަމަ ފަހަރަށެވެ.

އެ ދެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އޮތް ނަމަވެސް އެކީގައި މިހާތަނަށް އެއްވެސް ފިލްމެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު އަރުޝަދުގެ 2005 ގެ "ކުޗް މީޓާ ހޯ ޖާޔޭ" ގެ ހާއްސަ ފެނިލުމެއްގައި ޝާހްރުކް ހިއްސާވެފައިވެ އެވެ.

ދެހާސް ތޭވީހުގައި ރިލީޒްކުރި ޝާހްރުކްގެ ތިން ފިލްމަށް ފަހު އޜނަ ކުޅޭ ފުރަތަމަ ފިލްމު "ކިންގް" އަކީ އެ އަހަރު ރިލީޒްވި އޭނަގެ ފުރަތަމަ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ އޭނަގެ މާފްލިކްސް ޕިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީސް އެންޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.

"ކިންގް" ގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ހިމެނޭކަން ކަށަވަރެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ކާސްޓްގައި އަބީޝެކް ބައްޗަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަބޭ ވަރުމާ ވެސް ހިމެނެ އެވެ.

"ކިންގް" ގެ ކާސްޓަށް އަރުޝަދު އިތުރުވި ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަ ކުރިން ވެސް ސިދާތުގެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ސައިފް އަލީ ޚާނާއި ޕްރިތީ ޒިންތާއާ އެކު 2005 ގައި ގެނެސްދިން "ސަލާމް ނަމަސްތޭ" ގަ އެވެ.

ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާއާ އެކު ގެނެސްދިން "ފައިޓާ" އެވެ.