ޑައިރެކްޓަރު ޕްރިދަރުޝަނާ އެކު ސައިފް އަލީ ޚާން މަސައްކަތް ކުރާ ފުރަތަމަ ފިލްމުގައި ލޯފަން ކެރެކްޓާއެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާކަން ކަށަވަރުކޮށް ދީފި އެވެ.
އެ ދެ މީހުން އެކީގައި ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާތަކުގައި ދެކެވުނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
އެކަން މިއަދު ބޮލީވުޑް ހަންގާމާ އަށް ކަށަވަރުކޮށް ދެމުން ސައިފް ބުނީ ޕްރިޔަދަރުޝަން ކަހަލަ ވަރުގަދަ ޑައިރެކްޓަރަކާ އެކު ވަރަށް ޒަމާންތަކެއް ފަހުން ނަމަވެސް މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި އާ ފިލްމަކީ މުޅިން ތަފާތު ތަޖުރިބާއަކަށް ވެސް ވާނެ ކަމަށެވެ.
"އަލަށް ޕްރިދަރުޝަނާ އެކު މަސައްކަތް ކުރަން މި ލިބުނީ. އަނެއްކާ އަލަށް ލޯފަން މީހެއްގެ ކެރެކްޓާއެއް ވެސް ކުޅެން މި ޖެހުނީ،" ސައިފް ބުންޏެވެ. "ވަރަށް އުފަލުން މި ހުރީ."
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުނީ އޭނަ ސައިފާ އެކު މަސައްކަތް ކުރަން ބޭނުންވާތާ ވަރަށް ދުވަސްތަކެއްވެއްޖެ ކަމަށާއި އެންމެ ފަހުން އެ ފުރުސަތު މި ފަހިވީ ދެ މީހުން ވެސް އެންމެ ބޭނުންވި ކަހަލަ ސްކްރިޕްޓަކާ އެކީގައި ކަމަށެވެ.
"ސައިފަކީ އަބަދު ވެސް އަހަންނަށް ވަރަށް ކަމުދާ އެކްޓަރެއް." ޕްރިޔަދަރުޝަން ބުންޏެވެ.
"ބޫލް ބުލައްޔާ" އާއި "ހަންގާމާ" އަދި "ހަލްޗަލް" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު އަކްޝޭ ކުމާރާ އެކު ގެނެސްދޭން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" އެވެ. ސައިފާ އެކު ޕްރިޔަދަރުޝަން ހަދާ ފިލްމުގެ މަސައްކަތް ފަށާނީ އަކްޝޭގެ ފިލްމު ނިންމައިލުމަށް ފަހު އެވެ.
ވަރަށް ގިނަ އަދަދެއްގެ މަލަޔާޅަމް އަދި ތަމަޅަ ފިލްމުތަކެއް ވެސް ހަދާފައިވާ ހުނަރުވެރި ޑައިރެކްޓަރު ކުރިން ސައިފްގެ އަންހެނުން ކަރީނާ ކަޕޫރާ އެކު ވެސް ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ "ހަލްޗަލް" އާއި "ކިޔު ކީ" އެވެ.
ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ސައިފްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 29 ގައި ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ހެއިސްޓް ތުރިލާ "ޖުވެލް ތީފް" އެވެ. އޭނައާ އެކު ޑައިރެކްޓަރު ހެންސަލް މެހެތާ ވެސް ފިލްމެއް ހަދަން އަންނަނީ ތައްޔާރީތައްވަމުންނެވެ.