Last Updated: April 30, 09:58
Wednesday, April 30, 2025
މުނިފޫހިފިލުވުން

ސޮނާކްޝީއާ އެކު ބޭބެ ހެދި ފިލްމު އަންނަ މަހު

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ބޭބެ ކުޝް ސިންހާ އޭނައާ އެކު ގެނެސްދޭ ފުރަތަމަ ފިލްމު "ނިކިތާ ރޯއި" އަންނަ މަހު ރިލީޒް ކުރަން ނިންމައިފި އެވެ.

މި ސައިކޮލޮޖިކަލް ތުރިލާ އިއުލާންކުރީ 2022 ގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އޭގެ ތިން އަހަރެއްހާ ދުވަސް ފަހުން "ނިކިތާ ރޯއި" އަންނަ މަހުގެ 30 ގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމި އިރު، ފިލްމުގެ ކާސްޓްގައި އަރުޖުން ރާމްޕާލާއި ސުހައިލް ނައްޔަރްގެ އިތުރުން ޕަރޭޝް ރާވަލް ހިމެނެ އެވެ.

ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ މި ފިލްމަކީ ސޮނާކްޝީގެ މި ޖޯންރާގެ ދެވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނަ ހޮރޯ-ކޮމެޑީ "ކަކުޑާ" އިން ވެސް ފެނިފައިވާ އިރު، އެ ފިލްމާ ހިލާފަށް "ނިކިތާ ރޯއި" ވާނީ ވަރަށް ސީރިއަސް ފިލްމަކަށެވެ.

ސޮނާކްޝީގެ ދެ ބޭބެއިންގެ ތެރެއިން ކުޝް ޑައިރެކްޝަނަށް ނުކުތް އިރު، އޭނައާ އެއްމާބަނޑު ލަވް ސިންހާ އަކީ އެކްޓަރެކެވެ. އޭނަގެ އަލަތު ފިލްމަކީ 2010 ގެ "ސަދިޔާން" އެވެ. އޭގެ ފަހުން ލަވް ފެނިފައި ވަނީ އާއި 2018 ގެ "ޕަލްޓާން" އާއި މިދިޔަ އަހަރުގެ "ގަދަރު 2" ގެ ރޯލަކުންނެވެ.

އެކްޓަރެއްގެ ގޮތުގައި ނުކުތް ނަމަވެސް ކުރިއަށް ދެވޭނެ ފުރުސަތެއް ނުލިބޭ ޒަހީރު އިގްބާލްއާ މިދިޔަ އަހަރު ކައިވެނިކުރި ސޮނާކްޝީ ދާދި ފަހުން ވަނީ އޭނަ ސޮއިކުރި ފުރަތަމަ ތެލެގޫ ފިލްމު "ޖަޓަދާރާ" ގެ ޝޫޓިން ވެސް ނިންމައިފަ އެވެ. އެއީ ވެސް ބިރުވެރި ފިލްމެކެވެ.