Last Updated: May 1, 06:04
Thursday, May 1, 2025
ދުނިޔެ

ގާޒާގައި 48 ގަޑިއިރު ތެރޭ 92 މަރު

އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ އެކި ސަރަހައްދުތަކަށް ދެމުން ގެންދާ ހަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުތެރޭ 92 މީހަކު ޝަހީދުކޮށްލައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާތަކުގައި 92 މީހަކު ޝަހީދުކޮށްލާފައިވާއިރު 219 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުތަކަށް ގެނެސްފައިވާ ކަމަށެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ހަމަލާތައް އަލުން ދޭން ފެށި ފަހުން މިހާތަނަށް ގާޒާއިން ވަނީ 1،783 މީހަކު ޝަހީދުކޮށްލާފަ އެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން މިހާތަނަށް 51،157 މީހަކު ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.