Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ގައުމީ ޓީމްގެ ފަރިތަ ކުރުން އައްޑޫގައި!

ގައުމީ ޓީމްގެ ކުރިއަށް ކުޅޭ ނައްޓޭ. ގައުމީ ޓީމްގެ ޕްރެކްޓިސް އައްޑޫގައި ފެށުމަށް އެފްއޭއެމްއިން ވަނީ ނިންމާފައި

ގައުމީ ޓީމްގެ ފަރިތަ ކުރުންތައް އައްޑޫގައި ބޭއްވުމަށް އެފްއޭއެމްއިން ނިންމައިފިއެވެ.

ގައުމީ ޓީމާ އަލަށް ހަވާލުވި ނިއުޒީލެންޑްގެ ކުރީގެ ގައުމީ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ބާއްވާ ފުރަތަމަ ފަރިތަ ކުރުންތައް ބާއްވާނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލާއި ފައިނަލާ ދެމެދު ލިބޭ ހަ ދުވަހުގެ ބްރޭކްގައެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާކޯޗް ހާބްޓް ބުނީ، ގައުމީ ޓީމުން އައްޑޫގައި ކުރާ ތަމްރީންތަކުގައި އެންމެ ބޮޑަށް އިސްކަންދޭނީ ކުޅުންތެރިން ދެނެގަންނަން ކަމަށެވެ.

ހާބަޓް ބުނީ ޓީމްގެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުމަށް މަސައްކަތް ކުރާއިރު އައްޑޫގައި ބާއްވާ ފަރިތަ ކުރުން ތަކުގައި ބޮޑަށް މަސައްކަތް ކުރާނީ ކުޅުންތެރިން ދެނެގަތުމަށެވެ.

ގައުމީ ޓީމްގެ ފްރެކްޓިސް އައްޑޫގައި ބާއްވަން ނިންމި އިރު ޕްރެޒިޑެންޓް ކަޕްގައި ކުޅުމަށް ގައުމީ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިން ތިބީ އައްޑޫގައެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗަކީ ވޯލްޑްކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ބޫޓާނާ ދެކޮޅަށް އަންމަހު އަށް ވަނަ ދުވަހު ކުޅޭ މެޗެވެ.

ގައުމީ ޓީމްގެ ކޯޗްކަމަށް ހަމަޖެއްސި ހާބަޓް ވަނީ 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ނިއުޒީލޭންޑްގެ ގައުމަށް ކޯޗްކަން ކޮށްދީފައެވެ.