Last Updated: April 30, 10:23
Wednesday, April 30, 2025
މުނިފޫހިފިލުވުން

ވަރޫންގެ ޓީމް މަސް ދުވަހަށް ސްކޮޓްލޭންޑަށް

ބައްޕަ ޑޭވިޑް ދަވަނާ އެކު ވަރޫން ދަވަން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ" ގެ ކާސްޓާއި ކްރޫ މަސް ދުވަހުގެ ޝޫޓިން ޝެޑިއުލްއަކަށް ސްކޮޓްލޭންޑަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ޕިންކްވިލާ އިން ބުނީ ބޮޑު ޓީމަކާ އެކު ޑޭވިޑްގެ ދެބަފައިން ފުރާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން ސްކޮޓްލޭންޑްގައި "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ" ގެ މުހިއްމު ގިނަ މަންޒަރުތަކެއް ނަގާނެ އެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ތެރޭޢގަ އެވެ.

މި ރޮމޭންޓިކް ކޮމެޑީގެ ލީޑްގައި ހިމެނެނީ ވަރުން އާއި މުރްނާލް ތާކޫރްގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ހަދާ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖިމީ ޝެރްގިލް، މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، އަލީ އަސްގަރު އަދި ރާކޭޝް ބޭދީ ހިމެނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑޭވިޑްގެ މި އާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ވަރޫން އާއި ސާރާ އަލީ ޚާން ކުޅުނު 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. ބައްޕައާ އެކު ވަރުން މަސައްކަތްކުރި އެހެން ފިލްމުތަކަކީ "ޖުޅުވާ 2" އާއި "މޭ ތޭރާ ހީރޯ" އެވެ.

ވަރޫންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި ކާލީސްގެ "ބޭބީ ޖޯން" އެވެ.