މާލެ ސަރަހައްދުގައި ލޭބަ ފޯސް ސާވޭއެއްގެ މަސައްކަތް މިިއަދު ފަށައިފި އެވެ.
މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ހަދާ މި ސާވޭ ކުރިއަށް ގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިންނެވެވެ.
އެތަނުން ބުނި ގޮތުގައި މި ސާވޭގެ މަސައްކަތް މި މަހުގެ 26 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ސާވޭ ކުރިއަށް ގެންދާނީ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކަށް ޒިޔާރަތްކޮށްގެންނެވެ.
އެމްބީއެސް އިން ބުނީ ސާވޭގެ ތެރެއިން ހޯދާނީ ތަޢުލީމާއި، ހިޖުރަކުރުމާއި، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފުޞީލާއި، މީހުންގެ އާންމު މަޢުލޫމާތާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްޞީލާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ އިތުރުން އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައި ނުވާ އަބާދީގެ ތަފްޞީލާ ގުޅޭ މަޢުލޫމާތު ކަމަށެވެ.
މި ސާވޭ އަށް ހޮވޭ ގޭބިސީތަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރުވެސް ޒިޔާރަތްކޮށްފާނެ ކަމަށާއި އެ މަޢުލޫމާތުތަކަކީ މުހިންމު ނިންމުމަށް ބޭނުންކުރެވޭނެ މަޢުލޫމާތު ކަމަށްވުމާއެކު، ސާވޭ އަށް ގޭބިސީތަކުން އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.
ލޭބާ ފޯސް ސާވޭގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ލޭބަ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭވަރު ދެނެގަތުމުގެ އިތުރުން އެމްޕްލޮއިމަންޓް އަދި އަންއެމްޕްލޮއިމަންޓް ރޭޓް ދެނެގަތުން ހިމެނެ އެވެ.
މީގެ އިތުރުން ހިޖުރަކުރުމުގެ ރޭޓު ހޯދައި އާބާދީގެ ޕްރޮޖެކްޝަންސްތައް އަދާހަމަކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި، "ޑީސެންޓް ޖޮބްސް އިންޑިކޭޓަ" އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަކީ ވެސް ސާވޭގެ ބޭނުމެކެވެ.