Last Updated: April 30, 10:23
Wednesday, April 30, 2025
މުނިފޫހިފިލުވުން

ރަޔަން އަށް 'ސްޓާ ވޯސް' ގެ ފިލްމެއް

"ބާބީ" އާއި "ލާ ލާ ލޭންޑް" ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ރަޔަން ގޮސްލިން އަށް "ސްޓާ ވޯސް" ގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

އެ ފްރެންޗައިޒްގެ ފިލްމުތައް ގެނެސްދޭ ލޫކަސް ފިލްމްސް އިން އެކަން އިއުލާންކުރީ ޓޯކިއޯގައި ބޭއްވި އިވެންޓެއްގަ އެވެ. އެގޮތުން ރަޔަންއާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކީ "ސްޓާ ވޯސް: ސްޓާފައިޓާ" ކަމަށާއި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މެއި 28، 2027 ގައި ކަމަށް ބުންޏެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ޝޯން ލެވީ އެވެ. އޭނަ އަކީ މިދިޔަ އަހަރުގެ "ވުލްވްރިން އެންޑް ޑެޑްޕޫލް" ގެނެސްދިން ޑައިރެކްޓަރެވެ. ލެވީ ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ދަ ޕިންކްޕެންތާ"، "ނައިޓް އެޓް ދަ މިއުޒިއަމް"، "ދި އިންޓާންޝިޕް" އަދި "ފްރީ ގާއި" ހިމެނެ އެވެ.

"ސްޓާ ވޯސް: ސްޓާފައިޓާ" އަކީ 2019 ގައި ގެނެސްދިން "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" ގެ ފަހުން މި ސީރީޒްގެ ސްޓޭންޑްއެލޯންގެ ގޮތުގައި އިއުލާންކުރި ފުރަތަމަ ފިލްމެވެ. އެކަމަކު މި ފިލްމުގެ ކުރިން "ސްޓާ ވޯސް" ގެ އެހެން ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެއީ އަންނަ އަހަރުގެ މެއި 22 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ޖޮން ފެވްރޯގެ "ސްޓާ ވޯސް: ދަ މެންޑަލޯރިއަން އެންޑް ގްރޮގް" އެވެ.

މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަޔަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެކްޝަން ކޮމެޑީ "ދަ ފޮލް ގާއި" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދި އެކްޓާ" އާއި "ޕްރޮޖެކްޓް ހެއިލް މޭރީ" ހިމެނެ އެވެ.