މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނި އެ ފުރުސަތު ހުޅުވައިލީ މި މަހުގެ 29 އާ ހަމައަށް ކަމަށެވެ. މިކަމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެވްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުމާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަޞްލަޙަތެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ދައުރު ހަމަވާތީ، މެންބަރު ކަމަށް މިއަދު ހުޅުވައިލި އިރު، ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދުގެ ފަޒީންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން އޭނަ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަނިކޮށް މިދިޔަ މަހުގެ 17 ގައި އިސްތިއުފާ ދެއްވާފައިވެ އެވެ.
އެހެންވެ އޭގެ ބަދަލުފައި މެންބަރަކު ހޯދަން ރައީސް އޮފީހުން މި މަހުގެ 6 ގައި ހުޅުވައިލި އެވެ. އަދި އެ މުއްދަތު ހަމަވީ މި މަހުގެ 15 އަށެވެ.