ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށްފަހު ބޭނުންފުޅުވަނީ ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ވެރިޔަކު އިންތިހާބު ކުރުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން ދާދިފަހުން ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް މުއިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ ވަކާލާތުކުރަމުން އަންނަ ވޯޓިން ނިޒާމަކީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމު ކަމަށެވެ.
ރައީސް މިހެން ވިދާޅުވި އިރު އެއްބުރުން ވޯޓުލައި ނިންމައި، ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބުގެ އެއް ބުރު ބާއްވަން ސަރުކާރުން ގެންނަން އުޅޭ ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހުތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މާ މުހިއްމު ކަމަށާއި ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އުވާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން." ރައީސް ވިދާޅުވެފައިވެ އެވެ.