Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި

ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ބ. ފެހެންދޫގައި އިފްތިތާހުކޮށްފި އެވެ.

މި މަސްރޫެއު ފައްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު ކުރި މަސައްކަތުން ހުއްދަ ލިބޭގޮތް ނުވެ އޮއްވާ، މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ހުއްދަ ދިނުމުގެ މައިގަނޑު މަޤްޞަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމުގެ ސިޔާސަތުގެ ތެރެއިން، މިމަސައްކަތް ދިރާސާކޮށް، ފުލް ސްކޭލް ޕާރމިޓެއް ދިނުމުގެ ކުރިން ހުރެދާނެ ކަންކަން ދެނެގަތުން ކަމަށެވެ.

މީގެ ކުރިން އެފްއޭއޯ އިން ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ހިންގާފަ އެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައެއް ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭޝިއާގެ ޤައުމުތަކުގައި މޫދުވިނަ މީގެ 50 އަހަރު ކުރިން ފަށައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ކަމަށާއި އެގޮތުން މިވަގުތުވެސް ދުނިޔޭގައި ކަލްޗާ ކުރާ މޫދުވިނައިގެ 98 އިންސައްތަ ކަލްޗާ ކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ޤައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވާ އިރު މެރިކަލްޗާ އާއި ގުޅުންހުރި މިފަދަ މަސްރޫއުތަކުން ރަށުގައި ތިބެގެން ދިވެހި ޒުވާނުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވުމާއިއެކު ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.