ލެސްޓަ ސިޓީ 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ތިން ޕޮއިންޓާ ކައިރިއަށް ލިވަޕޫލުން ޖެހިލައިފި އެވެ.
މި ނަތީޖާއާ އެކު، ލީގުގެ ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ބާކީ އޮތް ފަސް މެޗުން ބޭނުންވަނީ އެންމެ މޮޅެކެވެ. އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ލިވަޕޫލަށް 33 މެޗުން ވަނީ 79 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އާސެނަލްގެ އޮތީ 33 މެޗުން 66 ޕޮއިންޓާއެކު އެވެ.
ލީގުގައި އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. ރޭގެ މެޗުން ބަލިވުމުން ލެސްޓާ ވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. ދެވަނަ ހާފުގައި ކުޅެން އެރި ޓްރެންޓް މި ގޯލު ކާމިޔާބު ކުރީ ލެސްޓާގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ދެވަނައިގައި އޮތް އާސެނަލުން ވަނީ 4-0 އިން އިޕްސިވިޗް ބަލިކޮށްފަ އެވެ. ޗެލްސީން ފަހަތުން އަރައި 2-1 އިން ފުލަމް ބަލިކޮށް ވަނީ ލީގުގެ ފަސްވަނަ މަގާމަށް ޖެހިލައިފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވުލްވްސް އަތުން ބަލިވެފަ އެވެ.