Last Updated: April 30, 09:31
Wednesday, April 30, 2025
ޚަބަރު

ދުންފަތާ ގުޅޭ ބޮޑު އިންސްޕެކްޝަނެއް ފަށައިފި

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މުޅި ރާއްޖެ އަށް ހާއްސަކޮށްގެން ބޮޑު އިންސްޕެކްޝަނެއް ފަށައިފި އެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ ހެލްތު މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަސްޓަމްސް ގުޅިގެންނެވެ. އިއްޔެމާލެ ސަރަހައްދުގައި ކުރިއަށް ދިޔަ އިންސްޕެކްޝަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެޗްޕީއޭގެ އިންސްޕެކްޝަން ޓީމްގައި ފުލުހުން އަދި ކަސްޓަމްސް އިން ބައިވެރިވެފައިވެ އެވެ.

މި އިންސްޕެކްޝަންގައި ސިގިރޭޓް ވަކިން ވިއްކުމާއި ހުއްދަ ދެވިފައިވާ ތަންތަން ނޫން ތަންްތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ކަންކަން ހުއްޓުވުމާއި، ދުންފަތް ވިއްކުމަށް ހުއްދަ ނެގުމަށް މިހާރު ހެދިފައިވާ ޤަވާޢިދުތަކަށް މީހުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުން ވެސް ހިމެނެ އެވެ.

ވަކިން ސިގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިގިރޭޓް/ޝީޝާ ބުއިމާއި ވޭޕް ބޭނުން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ހަރަކާތެރިވެ ގަވައިދާއި ޚިލާފަށް ސިނގިރޭޓް ވިއްކުމާއި ސިގިރޭޓް ބޯ ތަންތަނަށް ފިޔަވަޅު އަޅާނެ އެވެ.

ހުރިހާ ފަރާތްތަކުން ގުޅިގެން އެންފޯސްމަންޓް ވަރުގަދަ ކުރުމަށް ކުރާ އިންސްޕެކްޝަން ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ އެވެ.