ދުނިޔެއަށް އަންނަމުން އަންނަ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތްތައް ބަދަލުވަމުންދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގެއްގައި އެ މަނިކުފާނު ވިދާޅުވީ ޤައުމު އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި އެ ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށް ދިނުމަށް މަސައްކަތްކުރާ ދިވެހި ސިފައިންކަން ފާހަގަކު ރެއްވި އެވެ.
ޤައުމަށްޓަކައި ސިފައިން ކުރަމުން އަންނަ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވަނީ، ސިފައިން، އަމިއްލަ ނަފުސާއި ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ކަމަށް ވިދާޅުވެފަ ވެ. އަދި ޤައުމަށް ދިމާވި ކޮންމެ ބޮޑު ކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން ވެސް ފާހަގަކުރެއްވި އެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް." ރައީސް ވިދާޅުވި ވެއެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމިއޮތުން ކަމަށާއި، ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީ އާއި ނުގުޑާ ޢަޒުމުން ކަމަށެވެ.