ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފި އެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު ޢަބްދުއް ރަޙްމާނެވެ.
ސަތާރަ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 138 ފުލުހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 41 އަންހެން ފުލުހުންނާއި 97 ފިރިހެން ފުލުހުންނެވެ.
ފުލުހުން ތަމްރީނު ކުރުމުގެ 40 ވަނަ ބުރު ވާނީގައި ކުރިއަށްދާ އިރު، 39 ވަނަ އަސާސީ ތަމްރީނު ކޯހުން މިދިޔަ ޖެނުއަރީ މަހުގެ 18 އިން ފެށިގެން އައްޑޫގައި ކުރިއަށް އެބަދެ އެވެ. އެ ކޯހުގައި 210 ފުލުހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންނެވެ.
އެ ކޯސް ކުރިއަށް ދަނީ އައްޑޫ ޕޮލިސް ކޮލެޖްގަ އެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުން ހުރި ބައިތައް ހިމެނެ އެވެ.