ބ. އޭދަފުށީގައި ކުށް މަދުކުރަން ފުލުހުން އެ ރަށުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފަށައިފި އެވެ.
ކެމެރާތައް އެންމެ ފުރަތަމަ ހަރު ކުރަނީ ބަނދަރު ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުންނެވެ. އަދި މި ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެކެވެ.
ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތެކެވެ.
ކެމެރާތައް ހަރުކުރަން އިއްޔެ ފެށި މަސައްކަތުގެ ދަށުން މިހާރު އަންނަނީ ބަނދަރު ސަރަހައްދުގައި ފައިބަ ކޭބަލް އެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ފުލުހުން ބުނި ގޮތުގައި މިފަދަ ކަންކަން ކުރިއަށް ގެންދަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުންނެވެ.