Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ޕޭޕަލް ގެނެވޭނެ، އެކަމަކު ވަގުތު ނަގާނެ: ސައީދު

ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ސިސްޓަ، ޕޭޕަލް، ރާއްޖެ އަށް ޕޭޕަލް ތައާރަފު ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެކަމަށް ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސްގައި މިނިސްޓަރު ވިދާޅުވީ ޕޭޕަލްގެ މެނޭޖްމަންޓާ ވެސް ސީދާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިކަން ލަސްވަމުން ދަނީ އިދާރީ ގޮތުން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމާ އެކީ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޕޭޕަލް ރާއްޖެ އަށް ގެންނަން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާ އިރު، އެކަން ކާމިޔާބު ކުރެވޭނެ އެވެ. ނަމަވެސް ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް ކަމަށާއި މިކަން ކުރަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ޕޭޕަލް ގެންނަން މި ސަރުކާރުން ނޫނީ މިހާ ބޮޑަށް މަސައްކަތްކޮށް، އެ ވާހަކަ އެހާ ގިނައިން ދެއްކި ސަރުކާރެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ރާއްޖެ އަށް ޕޭޕަލް ގެންނަން ކުރާ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާގެ ކުންފުންނެއް ކަމަށްވާ ޕޭޕަލް ވުޖޫދަށް އައީ މީގެ 25 އަހަރު ކުރިން 1998 ގަ އެވެ. އެއީ "ކޮންފިނިޓީ" ގެ ނަމުގަ އެވެ. އަދި "ޕޭޕަލް" އަށް ނަން ބަދަލުވީ 2000 ވަނަ އަހަރު އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ އަށް މަގު ހުޅުވައި ދޭނެ ކަމަށާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ކްރިއޭޓަރުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ވެސް ހަމަޖެހޭނެ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ޓިކްޓޮކްގެ އިސްވެރިންގެ ޓީމެއް ރާއްޖެ އަށް ޒިޔާރަތްކޮށް، މޮނެޓައިޒިންއާ ގުޅޭ މަޝްވަރާތަކެއް ވެސް ކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.