ރ. އިނގުރައިދޫގައި 300 ބުޅާ ހިފައި ދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާން ކުރީ މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ރަށުގައި ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާތީ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ރައްކާތެރި ގޮތުގައި 300 ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިހުތިޞާސް ތެރޭގައި ނުހިމެނޭ ރަށަކަށް ގެންގޮސް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އިނގުރައިދޫ ކައުންސިލުން ބުންޏެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މާލޭގެ މަގުތައް މަތީގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވާތީ އެކަމަށް ހައްލެއް ހޯދަން ސަރުކާރުން ވަނީ ހުޅުމާލޭގައި "އޮޅު ހިޔާ" ގެ ނަމުގައި ބުޅާ ފެސިލިޓީއެއް ގާއިމުކޮށް، އެތަނަށް ބުޅާތައް ގެންދަން ފަށައިފަ އެވެ.
ބުޅަލަކީ ވަރަށް ގިނަ ބަޔަކު އޮޅުކޮށްގެން ވެސް ގެންގުޅޭ ޖަނަވާރެކެވެ. ނަމަވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ދޭތެރެ ދޭތެރެއިން ބުޅާތަކަށް އަނިޔާކުރާ މައްސަލަތައް ވެސް ފެންމަތިވެ އެވެ.