އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކްރިސްޓީ ނޮއެމްގެ އަތްދަބަސް ރެސްޓޯރަންޓެެއްގެ ތެރޭގައި ވަގަށް ނަގައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ އެ ހާދިސާގައި ހިނގާފައި ވަނީ ވޮޝިންޓަން ޑީސީގެ 'ކެޕިޓަލް ބާގާ' ރެސްޓޯރަންޓްގަ އެވެ. އެކަން ހިއްސާކޮށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ ބުނީ ކްރިސްޓީގެ އަތްބަސް ވަގަށް ގަށް ނެގީ ރޭގަނޑުގެ ފަރިއްކޮޅަކަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށެވެ.
ވަގަށް ގެންދިޔަ އަތް ދަބަހުގައި 3،000 ޑޮލަރުގެ އިތުރުން ސޮއި ނުކޮށް އޮތް ޗެކަކާއި ޕާސްޕޯޓާއި ލައިންސާއި ބޭހާއި އެޕާޓްމަންޓްގެ ތަޅުދަނޑީގެ އިތުރުން މޭކަޕް ސާމާނު ވެސް ހުއްޓެވެ.
އެ ވައްކަމާ ގުޅިގެން ރެސްޓޯރަންޓްގެ ސީސީޓީވީ ފުޓޭޖް ޗެކްކުރި އިރު، ކްރިސްޓީގެ ދަބަސް ވަގަށް ގެންދިޔައީ މެޑިކަލް މާސްކެއް އަޅައިގެން ހުރި ފިރިހެނެކެވެ. އޭނަ ރެސްޓޯރަންޓް ތެރެއަށް ވަދެ، ދަބަސް ނަގައިގެންދާ މަންޒަރު ފުޓޭޖުން ފެންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީން ބުންޏެވެ.
މި ވައްކަމާ ގުޅިގެން ހާއްސަ ތަހުގީގެއް ފަށައި، ދަބަސް ވަގަށް ނެގި މީހާ ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ މަގާމަށް ތިން ކުދިންގެ މަންމަ ކްރިސްޓީ، 53، އައްޔަންކުރީ ޖެނުއަރީ މަހު އެވެ. އޭނަ އަކީ ކުރިން ސައުތު ޑަކޯޓާގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.