އައްޑު އަށް އިއްޔެ އާއި މިއަދަކީ ވަރަށް ތިޔާގި ދެ ދުވަހެވެ. އިއްޔެ އާއި މިއަދު އައްޑު އަށް ޒިޔާރަތްކުރި ދެ ޕެސިންޖަރު ލައިނުން ހާހަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ފައިބާފަ އެވެ.
ފޭދު އާއި ދިމާލު ބޭރުގައި ޖަރުމަނުގެ ދެ ފަސިންޖަރު ލައިން މަޑު ކުރި އިރު އޭގެ ތެރެއިން ފޭބި އެންމެން ފައިބާފައިވަނީ ފޭދޫ ބަނަދަރަށެވެ. އެހެންވެ އެ ހިސާބޮގަޑު އިއްޔެ އާއި މިއަދު ވަރަށް ހަލަބޮލިއެވެ.
ފަތުރުވެރިން ފޭބުމާއި އެކު ފޭދޫގެ ރައްޔިތުންވަނީ އެމީހުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިއެވެ. އަދި ފޭބި ފަތުރުވެރިން ހިނގާފައި ރަށުގެ ބަނދަރުމަތީގައި ހުރި ފިހާރަތަކުންނާއި ވިޔަފާރި ގާޑިއާތަކުން ވިޔަފާރި ކުރަމުން ދިޔަ އެވެ.
އަނެއް ބަޔަކު ގްރޫޕް ހަދާފައި ޕިކަޕާއި ކާރު އަދި ބަސްތަކުގައި ކުއްޔަށް ނަގައިގެން އެކިއެކި ދިމަދިމާއަށް ދަތުރު ފެށި އެވެ.
އެއްބަޔަކު ޓްއާގައިޑުން ނާއި އެކު ޕިކަޕް ތަކާއި ބަހުގައި އައްޑޫގެ މުހިއްމު ސަރަހައްދުތައް ބަލާލުމަށް ދަތުރުކުރިއެެވެ. އެގޮތުން ގަމުގެ އާސާރީ ތަންތަނާއި، ހިތަދޫ އީދިގަލި ކިޅި އަދި ދާދި ފަހުން ސާކް ސަމިޓަށް އިމަރާތް ކުރި ކޮންވެންޝަން ސެންޓަރ ސަރަހައްދަށް ގޮސް އެތަންތަން ވަނީ ބަލާފައިއެވެ.
އިއްޔެ އާއި މިއަދު ހަންކެޑެ ބްރިޖާއި، ގަމާއި އަދި ފޭދޫ މަރަދޫ ފޭދޫ ގުޅޭ ހިސާބު މޫދަށް އެއްބަޔަކު އެރި އުޅުނު އިރު އަނެއްބަޔަކު ވަނީ ކުއްޔަށް ސައިކަލް ނަގައިގެން އައްޑޫގެ ބޮޑު މަގު އެއްކޮޅުން އަނެއް ކޮޅަށް ދުއްވާފައިއެވެ.
ފޭދޫ ޒުވާނަކު ބުނީ އިއްޔެ އޭނާގެ ސައިކަލް ކުއްޔަށް ދީގެން ރަނގަޅު އާމްދަނީ އެއް ލިބުނުކަމަށެވެ. މަރަދޫ ފޭދޫގައި ގާޑިއާއެއް ހިންގާ މީހަކު ބުނީ އިއްޔެ ޕެސިންޖަރު ލައިނުން ފޭބި މީހުން ގިނަ އަދަދަަކަށް އެ ގާޑިއާއިން ވިޔަފާރި ކުރިކަމަށެވެ.
"އިއްޔެ ފެނިގެންދިޔައީ އާދަޔާ ހިލާފް ދުވަހެއްގެ ގޮތުގައި. އައްޑޫ ބޮޑުމަގުން ހުސް ފެނުނީ ދޮންމީހުން. މިގޮތަށް އަބަދު ފެނުމުން އަހަރެމެން އެދެނީ" ގާޑިއާ ހިންގަމުން އަންނަ މަރަދޫ ފޭދޫ ބުންޏެވެ.
ފޭދޫ، ގަން އަދި މަރަދޫ ފޭދޫގެ ބައެއް ފިހާރަތަަކަށް އިއްޔެ ވަރަށް ރަނގަޅު އާމްދަނީ އެއްވަނީ ލިބިފައިއެވެ. އަދި ކާރާއި ޕިކަޕް، ވޭން އަދި ބަސްތަކަށް ވެސް ވަނީ ރަނގަޅު އާމްދަނީ އެއްލިބިފައިއެވެ.
މިއަދު ފޭދޫ ބަނަދަރުގައި އޮތް “އަލްބަޓްރޮސް" އިން 700 ފަތުރުވެރިންވަނީ އައްޑޫއަށް ފައިބާފައިއެވެ. އިއްޔެ އާއި ޚިލާފަށް މިއަދުގެ ޕެސިންޖަރ ލައިނަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލްގެ ބިޒިނަސް އެންޑް ޓޫރިޒަމް އާއި ހަވާލުވެ ހުންނެވި ކައުންސިލަރ އަހުމަދު މިރުޒާދު (މިރާ) ވިދާޅުވީ މިއަދު ފޭދޫ ބޭރުގައި އޮތް އަލްބަޓްރޮސް އިން ޕެސިންޖަރުން ފޭބުމުގެ ހުއްދައަަށް މި ޕެސިންޖަރ ލައިންގެ ރާއްޖޭގެ އެޖެންޓް ޔުނިވާސަލް އިން އެދިފައިވަނީ ކައުންސިލާއި ގުޅިގެން ފަތުރުވެރިންގެ ކަންކަން ހަމަޖެއްސުމަށެވެ.
އެހްނެވެ ކައުންސިލުން ވަނީ ފޭދޫ ބަނަދރު ސަރަހައްދުގައި ބޮޑު ބެރުގެ ހަރާކާތެއް ބާއްވާފައިއެވެ. އަދި ކައުންސިލުން ވަނީ އެ ސަރަަހައްދުގައި އައްޑޫ އާއި ގުޅޭ މައުލޫމާތު ދޭނެ ޑެސްކެއް ގާއިމް ކޮށްފައިއެވެ.
"އަޅުގަނޑުން މެން ކައުންސިލުން އެދުނީ މިކަން ކަން އިންތިޒާމު ކޮށްދޭން. އެހެންވެ ކައުންސިލުން މަރުހަބާ ދެންނެވުމުގެ ކަންކަން އިންތިޒާމުކުރީ. ދެން މައުލޫމާތު ދެވޭނެ ގޮތެއް ހަމަޖެއްސީ. އެތަނުން ލިބޭނެ އައްޑޫގެ މުހިއްމު ތަންތަނާއި ގުޅޭ މައުލޫމާތު، އަދި މުހިއްމު ބައެއް ފޯނު ނަންބަރު އޭގެ ތެރޭގައި ޓެކްސީ ތަކުގެ މައުލޫމާތު ހިމެނޭ" މިރުޒާދު ވިދާޅުވިއެވެ.
މިރުޒާދު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ކައުންސިލުން ބޮޑު މަސައްކަތެއް ކުރަމުން އަންނަ އިރު މީ އެގޮތުން ލިބުނި ބޮޑު ކާމިޔާބިއެއްކަމަށް ވިދާޅުވިއެވެ. އަދި މިމަސް ނިމޭ ހިސާބުން 3000 މީހުންގެ ޕެސިންޖަރ ލައިނެއް އައްޑޫއަށް ގެނެވެތޯ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑޫއަށް މިފަދަ ޕެސިންޖަރ ލައިންތައް އައުމަކީ މި ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދެވެ. މީގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއްް ލިބިގެންދާނެއެވެ. އެހެންވެ އައްޑޫ ސިޓީ ބޮޑަށް އިޝްތިހާރުކޮށް މިހާރު ޒިޔާރަތް ކުރި ޕެސިންޖަރު ލައިންތަކުން ފޭބި ފަތުރުވެރިންނަށް ދިމާވި ދަތިތަކެއް ވާނަމަ އެކަން ބަލައި އިސްލާހު ކޮށް މި ކަން ކުރިއެރުމަކީ ކުރިއަށް އޮތްތަނުގައި އައްޑޫ އިތުރަށް ތިޔާގިވެގެންދާނެެ ކަމެއްކަމާއި މެދު ޝައްކެތް ނެތެވެ.