ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އިން ހޯދައިފިއެވެ.
ނިއު ފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަ ކުރި އީގަލްސް 2-1 ލަނޑުން ބަލިކޮށްގެންނެވެ.
އައްޑޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފޯރިގަދަ މެޗްގެ ފުރަތަމަ ގޯލް ނިއު އިން ޖެހީ މެޗްގެ 32 ވަނަ މިނިޓްގައި އެޓީމްގެ އަރިމަތިން ކުޅެމުން ދިޔަ ރިލްވާން ވަހީދު (ރިލޭ)އެވެ.

މެޗްގެ ދެވަނަ ހާފްގައި އީގަލްސް އިން ކުޅުން ވަރުގަދަކޮށް ނިއުއަށް ޕްރެޝަރު ކުރަމުން ދިޔައެވެ. އެގޮތުން ފަހު ހާފްގެ ގިނަ ވަގުތު އީގަލްސްއިން މެޗް ކޮންޓްރޯލްކޮށް ނިއުގެ ފަހަތަށް ބާރު ބޮޑު ކުރުމުގެ ނަތީޖާއަކަށްވީ މެޗް ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އީގަލްސްއަށް ޕެނަލްޓީއަށް ލިބުމެވެ.

ޕެނަލްޓީ އޭރިޔާގެ ތެރެއިން ނިއުރޭޑިއެންޓްގެ ކުޅުންތެރިން ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބްކޮށްދިނީ މުޅި މެޗްގައި ވެސް މޮޅު ކުޅުމެއް ކުޅެމުން ދިޔަ ބިދޭސީ ކުޅުންތެރިއާ އަބޫ ޑެސްމަން މަންސާރީއެވެ.
އަބޫ ލަޑާއި އެކު މެޗްގެ ނަތީޖާ ހަމަ ހަމަ ކުރިތާ ދެ މިނިޓް ނުވަނީސް ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-1 ބަދަލުކޮށްފައެވެ.

އަޑޭ މިލަނޑު ކާމިޔާބުކުރީ ނިއުރޭޑިއެންޓްއިން ނެގި ކޯނަރަކުން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ސެމީފައިނަލް ދެވަނަ މެޗްގައި މާދަމާ ހަވީރު މާޒިޔާ ނިކުންނާނީ ޓީސީ އާއި ދެކޮޅަށެވެ. އެ މެޗް ފަށާނީ 15:45ގައެވެ