ހުޅަނގުގެ އެންމެ މަޝްހޫރު ފެޝަން އިވެންޓްތަކުގެ ތެރޭގައި ހިމެނޭ މެޓް ގާލާގައި މި އަހަރު ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
މީޑިއާތަކުން ބުނީ 59 އަހަރުގެ އެކްޓަރު އަލަށް އެ އިވެންޓްގައި ބައިވެރިވާ އިރު، ކުލަގަދަ ރެޑްކާޕެޓުން އިވެންޓުން ފެންނާނެ ކަމަށެވެ. އެ އިވެންޓްގައި ޝާހްރުކް ބޭނުން ކުރާނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިނައިޒަރު ސަބިއާސާޗީ ފަރުމާކޮށްފައިވާ އައުޓްފިޓެކެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބޮލީވުޑްގެ މަޝްހޫރު އެކިއެކި ތަރިން މެޓް ގާލާގައި ބައިވެރިވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު އަލަށް އާލިއާ ބަޓް މެޓް ގާލާގައި ބައިވެރިވި އެވެ. އަދި މި އަހަރު ޝާހްރުކްގެ އިތުރުން މިހާރު އަލަތު ދަރިފުޅަށް ބަލިވެ އިން ބަތަލާ ކިއާރާ އަދުވާނީ ވެސް މެޓް ގާލާގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި އަހަރުގެ މެޓް ގާލާ އޮންނާނީ އަންނަ މަހުގެ 5 ގަ އެވެ. އެ އިވެންޓް ކުރިއަށް ދާނީ ނިއު ޔޯކްގެ މެޓްރޮޕޮލިޓަން އާޓް މިއުޒިއަމްގަ އެވެ.
ފަންޑްރައިޒިން އިވެންޓެއްގެ ގޮތުގައި ބާއްވާ މެޓް ގާލާ ބާއްވަމުން އަންނަނީ 1948 އިން ފެށިގެންނެވެ.