ރައްޔިތުން ކަންބޮޑުވުންތައް އަޑު އައްސަވައި މަޝްވަރާކޮށްގެން ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ވަރަށް އިސްކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެގޮތަށް އެ މަނިކުފާނު އަމަލު ނުކުރައްވާ ކަމަށް ބުނެ ޑްރައިވަރުންގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިއްޔެ މެލޭޝިއާ ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ ރައްޔިތުންގެ ޝަކުވާތަކާއި، ޝުޢޫރުތައް އަބަދު ވެސް އަޑުއައްސަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ.
ރައީސްގެ އެ ވާހަކަތަކާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ރައީސް ބައްދަލު ކުރަން އެދި ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެފަދަ ބައްދަލުވުމަކަށް ފުރުސަތު ފަހިކޮށް ދީފައި ނުވާ ކަމަށް ޖަމިއްޔާ އިން ބުންޏެވެ.
"އެހެންކަމުން ރައީސްގެ ވާހަކަފުޅުން މަޝްވަރާ ކުރުމާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖާގަ ދޭނެ ކަމަށް ވިދާޅުވާ އިރު، އެތައް މަހެއް ވަންދެން އަޅުގަނޑުމެން ތަކުރާރުކޮށް ކުރި މަސައްކަތް ފެންނަނީ އަޑާއި މަންޒަރު ދިމާނުވާ ތަފާތު ހަގީގަތެއް." ޑީއޭއެމްގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ މަޝްވަރާ އަށް ޖާގަ ދެއްވައި ކަންބކޮޑުވުންތައް ހިއްސާކުރަން ފުރުސަތު ދެއްވާނެ ކަމަށް ރައިސް ވިދާޅުވަމުން ގެންދަވާ އިރު، އެ ވާހަކައިގެ ތެދުކަމާއި ސާބިތުކަން ރައީސް އަމަލީ ގޮތުން ދައްކުވައި ދޭން ގޮވާލައްވާފައިވެ އެވެ.
"ނަމަވެސް މިއަދުގެ ސަރުކާރާއި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މި މައްސަލައިގައި [ސަރުކާރުން ތައާރަފު ކުރަން އުޅޭ ޓެކްސީ ލައިން] ކަންބޮޑުވުންތައް އަޑު އެހުމަށް އަޅުގަނޑުމެންނާ މަޝްވަރާ ކުރުމަށް ފުރުސަތު ދީފައި ނުވާކަން ހިތާމައާ އެކު ފާހަގަކުރަން." ޑީއޭއެމް އިން ބުންޏެވެ.