Last Updated: April 30, 05:48
Wednesday, April 30, 2025
ރިޕޯޓް

ޖުހާގެ ފަރާތުން ވެސް އިބުރަތެއް ލިބިދާނެ!

މީދަލަށް ދަގަނޑު ކެވޭ ނަމަ، ދޫނިތަކަށް ކުއްޖަކު ވެސް ޖަހައިގަނެއްގެން ގެންދެވިދާނެ އެވެ.

ޖުހާ ދަގަނޑުގެ ވިޔަފާރި ކުރަން ޤަޞްދުކުރި އެވެ. އެހެން ކަމުން ވަރަށް ބައިވަރު ދަގަނޑު ގަނެ އޭނާގެ ރައްޓެހި ވިޔަފާރިވެރިއެއްގެ އަތުގައި އަމާނާތުގެ ގޮތުގައި ބެހެއްޓި އެވެ. އެއީ އޭގެ އަގު ބޮޑުވުމުން ވިއްކައިލުމުގެ ބޭނުމުގަ އެވެ. ދުވަސްކޮޅެއް ފަހުން ބާޒާރުގައި ދަގަނޑުގެ އަގު އުފުލުނު ޚަބަރު ލިބުމުން ވިޔަފާރިވެރިޔާގެ ގާތަށް ގޮސް އޭނާ ޙަވާލު ކުރި އަމާނާތް ރައްދު ކުރުމަށް އެދުނެވެ.

އެހެން ނަމަވެސް ވިޔަފާރި ވެރިޔާ ރުޅި އިސްކޮށް ޖުހާ އާ މުޚާޠަބުކޮށް ބުންޏެވެ. މީދާތައް އެ ދަގަނޑުތައް ކައިލައިފި އެވެ.
ޖުހާ ވަރަށް ޙައިރާންކަމާ އެކު ވިޔަފާރި ވެރިޔާއަށް ބަލައިލިއެވެ. އަދި ޖުހާ އެއްޗެއް ބުނުމުގެ ކުރިން ގަދަކަމުން އޭނަގެ ފިހާރައިން ޖުހާ ބޭރުކޮށްލި އެވެ.

ވަރަށް ބޮޑަށް ރުޅި އައިސްހުރެ ޖުހާ އޭނާގެ ގެޔަށް ދިޔަ އެވެ. އަދި ކޯޓަށް ނުގޮސް އޭނާގެ ދަގަނޑުތައް ލިބޭނެ ގޮތަކާ މެދު ވިސްނަމުން ދިޔަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޖުހާ މަގެއްގެ މަތީގައި ހިނގައިފައި ދަނިކޮށް، ވިޔަފާރިވެރިޔާގެ ފަސް އަހަރަށްދާ ދަރިފުޅު މަގުމަތީގައި ހުއްޓާ ފެނުނެވެ. ޖުހާ އެ ކުއްޖާ، ޖުހާގެ ގެޔަށް ގެންދިޔައެވެ.

ދެވަނަ ދުވަހު ޖުހާ ގެއިން ބޭރަށް ނުކުންނަށް އުޅެނިކޮށް ވިޔަފާރިވެރިޔާ ހަޅޭލަވަމުން ތަންތަން ހޯދަމުން ދެކޮޅަށް ދުވާ މަންޒަރު ޖުހާއަށް ފެނުނެވެ. އަދި ޖުހާ ފެނުމުން، ދެފައިގައި ހިފައި އާދޭސްކޮށްފައި އޭނާގެ ދަރިފުޅާ ބެހޭ ގޮތުން ސުވާލުކުރި އެވެ.
ޖުހާ ވަރަށް ފަރުވާ ކުޑަގޮތަށް ބުންޏެވެ. ތިމަން ބާޒާރުގައި ހިނގައިފައި ދަނިކޮށް ވަރަށް ބާރަށް އަޑުތަކެއް އިވެން ފެށި އެވެ. ތިމަން ޚަބަރު ބެލިއިރު ދޫނިތަކެއް ކުޑަކުއްޖަކު ޖަހައިގަނެގެން ދަނީ އެވެ. ހީވަނީ އެއީ ތިބާގެ ދަރިފުޅު ހެންނެވެ.

ވިޔަފާރިވެރިޔާ ވަރަށް ކަންބޮޑުވެ ހުރެ ޙައިރާންކަމާއެކު ބުންޏެވެ. ދޫނިތަކަކަށް ކުޑަކުއްޖަކު ޖަހައިގަނެގެން ގެންދެވިދާނެ ހެއްޔެވެ؟
ޖުހާ ބުންޏެވެ. އެ ރަށެއްގައި އުޅޭ މީދަލަށް ދަގަނޑު ކެވޭ ނަމަ، ދޫނިތަކަށް ކުއްޖަކު ވެސް ޖަހައިގަނެގެން ގެންދެވިދާނެ ނޫން ހެއްޔެވެ؟

ވިޔަފާރިވެރިޔާ ހިނިތުންލައި ބޯ ހަލުވައިލި އެވެ. އަދި ޖުހާގެ އެ ވާހަކައިގެ މަގުޞަދަކީ ކޮބައިކަން ވިސްނުނެވެ. އަދި ޖުހާ އާ މުޚާޠަބުކޮށް ބުންޏެވެ. ތިމަންގެ ކުޑަ ދަރިފުޅު ދޭށެވެ. ތިބާގެ ހުރިހާ ދަގަނޑުތަކެއް ހަމައަށް ދޭނަމެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުންކޮޅެކެވެ.