Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ޔަމީންގެ ދިފާއުގައި ނަރީޝް ހެކިބަސް ނުދޭނެ

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރާ ދައުވާ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުالله ސައީދު ދިފާޢުގައި ހެކިބަސް ނުދޭން ނިންމައިފި އެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ހެކި ބަސް ނެގުން ކުރިން ތާވަލް ކުރެވިފައި އޮތީ އަހުމަދު ކުރިކު ރިޒާ އާއި އަބްދުالله ރަޝީދާއު ޝުޢާއުالله ގެ އިތުރުން ނަރީޝުގެ އެވެ.

އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ނަރީޝް އާއި ޝުޢާއުގެ ހެކިބަސްދެއްވަން އުޒުރުވެރިވާކަން އަންގައި، ކޯޓަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ ހެކިބަސް ނަގާނީ ޔާމީން ބޭނުންފުޅުވާ ނަމަ ކަމަށާ، ނަރީޝް އާއި ޝުއާއު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެރުމުގެ އަމުރެއް ނެރެން ބޭނުންވޭތޯ ގާޒީ، ޔާމީނާ ސުވާލުކުރެއްވި އެވެ.

ނަމަވެސް އެކަން ކުރަން ބޭނުން ނުވާ ކަމަށް ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް ވިދާޅުވި އެވެ. އެއާއެކު ގާޒީ ވަނީ މައްސަލައާއިގެން ކުރިއަށް ދާން ބޭނުންވަނީ އެ ދެ ފަރާތުގެ ހެކިބަހާ ނުލާތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ޖަމީލު ވިދާޅުވީ އެ މީހުން ނުލައި ކުރިއަށް ދާން ބޭނުންވާ ކަމަށާއި މަޖުބޫރުކޮށްގެން ހާޒިރު ކުރަން ބޭނުން ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެން ހެކިބަސް ނަގަން އޮތް ރަޝީދު ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ހެކިބަސް ނެގިގައެއް ނުވެ އެވެ.
އެހެންވެ ރަޝީދާއި، ޔާމީންގެ ފަރާތްޕުޅުން ދެން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ ރިޒާގެ ހެކިބަސް ނެގުން އަންނަ މަހުގެ 26 އަށް ގާޒީ ވަނީ ބަދަލުކުރައްވައިފަ އެވެ.

އެއަށްފަހު ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޖޫން 17 ގައި އަޑުއެހުމެއް ބާއްވައި، ހުލާސާ ބަޔާން އިއްވުން ޖުލައި 20 ގައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެވުނު ނަމަވެސް ދައުލަތުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފައެވެ. އަދި، ސަންގެ ދެ ކުންފުންޏަކަށް މި މައްސަލާގައި ކުރާ ދައުވާތަކުގެ ޝަރީއަތް ވަކި ޝަރީއަތެއްގައި ގެންދަން އޮތީ ނިންމައިފަ އެވެ.