Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށްވެއްޖެ: ޝިޔާމް

ދިވެހި މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށާއި، މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއްކަމަށް، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފެށުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާބައެއްގެ ގޮތުގައި ކަނޑައަޅައި ބޭންކުތަކާ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ އެހެން ފަރާތްތަކަށް ފަހިކޮށްދެވޭ ފުރުޞަތުތަކުން މަހުރޫމް ނުވާނެ ބައެއްގެ ގޮތުގައި މަސްވެރިން ހެއްދެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ.

އެގޮތުން އެ ސިޔާސަތުގެ ތެރެއިން ބީއެމްއެލް އިން މަސްވެރިންގެ ޤައުމީ ދަފްތަރު މެދުވެެރިކޮށް މަސްވެރިންނަށް އެ ފުރުޞަތުތައް ހަމަޖެހި، ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ވެގެން ގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ގައުމީ ދަފުތަރުގައި ހިމެނޭ މަސްވެރިންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ފައިނޭންސިން ފެސިލީޓީތަކަށް އެޕްލައި ކުރެވޭނެ ކަމަށެވެ.

ބީއެމްއެލުން ބުނީ އެއްބަސްވުމުގެ ސަބަބުން މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ހޯމް ލޯން ފަދަ ތަފާތު ކްރެޑިޓް ފެސިލިޓީތައް ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ފައިނޭންސިން އަށް ފައިސާ ދެއްކުމުގެ ޝެޑިއުލްތައް ތަރުތީބު ކުރާނީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު އާމްދަނީ އަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ހިމަނައިގެން ކަމަށް ވެސް ބޭންކުން ބުންޏެވެ.