ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ އެއްބަސްވެއްޖެ އެވެ.
ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޑޮރިވަލް މިދިޔަ މަހުގެ ފަހުކޮޅު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުން އެންޗެލޯޓީ ،65، ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާނީ އަންނަ ޖޫން މަހު އެވެ. މި ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމާ ދެން ހަވާލުވާނީ ބަޔާ ލެވަކޫސަންގެ ކޯޗުކަމުގެ މަގާމުގައި ހުރި ޒަބީ އޮލޮންސޯ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބްރެޒިލްގެ ކޯޗުކަމުން ޑޮރިވަލް ވަކިކޮށްފައިވަނީ ވޯލްޑް ކަޕްގެ ކޮލިފައިންގައި އާޖެންޓީނާ އަތުން 4-1 އިން ބްރެޒިލް ބަލިވުމާ ގުޅިގެންނެވެ. ބްރެޒިލް މިވަގުތު އޮތީ ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގެ ހަތަރުވަނައިގަ އެވެ.
ރެއާލަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީފައިވާ އެންޗެލޯޓީ ވަނީ އެޓީމަށް ތިން ޗެމްޕިއަންސް ލީގާއި ދެ ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ.
ނަމަވެސް މި ސީޒަނަކީ ރެއާލަށް އެހާ ކާމިޔާބު ސީޒަނެއް ނޫނެވެ. އެގޮތުން ސްޕެނިޝް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ދެވަނައިގައި އޮތް ރެއާލް އާއި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައިނެވެ. ސްޕެނިޝް ކަޕްގެ ފައިނަލުން ބާސާ އަތުން ރެއާލް ބަލިވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުން ރެއާލް ވަނީ އާސެނަލް އަތުން ބަލިވެ ކަޓައިފަ އެވެ.