Last Updated: April 30, 05:48
Wednesday, April 30, 2025
ރިޕޯޓް

ނުފޯރާ ފޮތިން ފޫގަޅަން ނޫޅޭށެވެ!

ތިން އެކުވެރިން އުޅުނެވެ. ފުރަތަމަ މީހާ އަކީ މުއްސަންޖެކެވެ. ދެން ތިބި ދެމީ ހުންނަކީ ފަޤީރުންނެވެ. ތިން އެކުވެރިން މިހެން އުޅުމުގެ ތެރޭގައި މުއްސަދި މީހާ ކަނޑައެޅީ ރޯދަ ވީއްލުން ކޮންމެ ދުވަހަކު ވެސް ތިން އެކުވެރިންގެ ތެރެއިން ކޮންމެ ވެސް އެކެއްގެ ގޭގައި ބޭއްވުމަށެވެ.

މިގޮތުން އެންމެ ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުން މުއްސަދި މީހާގެ ގޭގައި ބޭއްވުމަށެވެ. އެހެންކަމުން އޭނާގެ ޚާދިމުންނަށް ގޭތެރެ ސާފުކޮށް، ކައްކާ މީހާ އަށް އެންމެ ރަނގަޅު އެންމެ މީރު ތަކެތި ކެއްކުމަށް އަމުރުކުރި އެވެ. ހުރިހާ ކަމެއް އޭނާ ބުނި ގޮތަށް ހަމަޖެހިގެން ދިޔައެވެ. އޭނާގެ އެކުވެރިން އެގެޔަށް ގޮސް ކައިބޮއި ހެދިއެވެ.

ދެވަނަ ދުވަހު ރޯދަ ވީއްލުން ތައްޔާރު ކުރީ ދެވަނަ ރަޙުމަތްތެރިޔާ އެވެ. އޭނާގެ މުއްސަދި ރައްޓެހި މީހާގެ ސުފުރާއަށް ވުރެ ވަކި ދެރަ ނޫން ސުފުރާއެއް ރޯދަ ވީއްލުމަށް ތައްޔާރު ކުރުމަށް މަންމަ ގާތު ބުންޏެވެ. އޭނާގެ މަންމަ ބުންޏެވެ! އެހާ ފެންވަރު ރަނގަޅު ކާބޯތަކެތި އަހަރެމެން ހޯދާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެންނަށް އެފަދަ ތަނަވަސް ކަމެއް ލިބިފައެއް ނެތެވެ! މަންމަގެ މޫނުމަތީ ހަޅޭއްލަވައިގަތުމަށް ފަހު ދަރިފުޅު ބުންޏެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ކެއުން ތައްޔާރު ކުރާށެވެ. މުއްސަދި ރައްޓެހި މީހާގެ ސުފުރާއަށް ވުރެ މިގޭ ސުފުރާމަތި އެންމެ ތަންކޮޅެއް ވެސް ދައްވެގެން ނުވާނެ އެވެ.

އަހަރެންގެ ފަޤީރުކަން އޭނާގެ ކުރިމަތީ ހާމަ ކޮށްގެން ނުވާނެއެވެ. މަންމަ އަވަށްޓެރިންގެ ގޭގެއަށް ގޮސް އެހީ ހޯދައިގެން އެންމެ ފެންވަރު ރަނގަޅު އެންމެ މީރު ކާބޯތަކެތި ތައްޔާރު ކުރިއެވެ. އަމާން ކަމާއެކު ދަޢްވަތުގެ ކަންކަން ނިމިގެން ދިޔައެވެ.

ތިންވަނަ ދުވަހު ރޯދަ ވީއްލުން ތައްޔާރު ކުރަން ޖެހުނީ ތިންވަނަ އެކުވެރިޔާއަށެވެ. އޭނާ ގެޔަށް ގޮސް މަންމަ ގާތު އެ ވާހަކަ ބުނުމުން ހިތް ހަމަ ނުޖެހިފައި ބުންޏެވެ. އެންމެ ފުރަތަމަ ވެސް އެ މީހުންނަށް ދަޢްވަތު ނުދިން ނަމަ ނިމުނީހެވެ. އޭރު އަހަރެމެން ލަދު ގަންނާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ އެމީހުންނާ އެކަށީގެންވާ ކާބޯތަކެތި އަހަރެމެން ހޯދާނީ ކޮން ތާކުން ހެއްޔެވެ؟

މަންމަގެ ކިބައިން މަޢާފަށް އެދި މަންމަ ގެ ބޮލުގައި ބޮސް ދިނުމަށް ފަހު އޭނާ ބުންޏެވެ. މަންމާއެވެ. އަހަރެން ލަދުގަތީއެވެ. އިންކާރު ކުރަން ނުކެރުނީއެވެ. ކަން އޮތް ގޮތް ހާމަ ކުރާނީއެވެ. މަންމަ ލަދުވެތިވާފަދަކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ވާހަކަ ޤަބޫލު ކުރާށެވެ. އިތުރު އެހެން ގޮތެއް ނެތެވެ. އަހަރެމެން އަތުގައި ހުރި، އަދި ޢާންމުކޮށް އަހަރެމެން ކައިބޮއި ހަދާތަކެތި ތައްޔާރު ކުރާށެވެ. އެއީ އަހަރެންގެ ޙާލަތެވެ. އަހަރެން އެކަމާ ލަދެއް ނުގަނެއެވެ.

އެ ދުވަހު ރޯދަ ވީއްލުމަށް ސުފުރާ މަތި ތައްޔާރު ކުރެވުނެވެ. ރޯދަ ވީއްލުމަށްޓަކައި ހުރީ ކަދުރުކޮޅަކާ، ކިރާ، ފެނު ކައްކައިފައި ހުރި ބިހާ ރޮށިކޮޅެކެވެ. މަޣްރިބު ނަމާދަށް ބަންގި ގޮވާ ވަގުތު ޖެހިއްޖެ އެވެ. ނަމާދު ކުރުމަށް ފަހު ތިން އެކުވެރިން ކޮޓަރިއަށް ވަނެވެ. ސުފުރާ މަތީގައި ހުރި އެއްޗެތި ފެނުމުން ދެ މީހުންނަށް ޙައިރާން ކަން ލިބުނެވެ. އޭނަ ފަދަ ދެވަނަ އެކުވެރިޔާ ކާބޯތަކެއްޗަށް ބަލާލުމަށް ފަހު ބުންޏެވެ. މިއީ ތިބާ އަހަރެމެންނަށް ކުރާ އިޙްތިރާމް ހެއްޔެވެ؟ ތިބާގެ ދަޢްވަތަކީ މިއީކަން ކުރިން އެނގުނު ނަމަ އަހަރެމެން މި ދަޢްވަތަށް އިޖާބައެއް ނުދިނީމުހެވެ.

މުއްސަދި މީހާ ސުފުރާގެ ކައިރިޔަށް ގޮސް ދަޢްވަތުގެ ދިން އެކުވެރިޔާއަށް ޝުކުރު އަދާކުރަމުން ބުންޏެވެ. އަހަރެން ފެނު ކައްކާފައިވާ ބިސް ނުކާތާ އެތަކެއް ދުވަހެއް ވެއްޖެ އެވެ. ފެނު ކައްކާފައިވާ ހުންނަ ބިސް ހާދަ މީރެވެ. އަދި ވަރަށް ކާހިތުން ކާން ފެށި އެވެ.

އެ ވާހަކަތަކުން ދެވަނަ މީހާ ވަރަށް އަޖާޢިބުވި އެވެ. އަދި ބުންޏެވެ. މިތާ ކައިރި ރެސްޓޯރަންޓަކަށް ގޮސް އަހަރެން ކާނީއެ ވެ. މި ސުފުރާ މަތީގައި ހުރި ކާބޯތަކެތި އެއްވެސް ފައިދާއެއް ނުކުރާށެވެ. އޭނާ ނުކުމެގެން ދިޔައެވެ. އަނެއް ދެ އެކުވެރިން އެކަނިވިއެވެ. އަދި ކައިބޮއި ނިމުމުން ތިންވަނަ މީހާ އޭނާގެ މުއްސަދި އެކުވެރިޔާ ގާތު ދެ ވަނަ އެކުވެރިޔާ ފަދައިން މުއްސަދި މީހާ ކަންނުކުރީ ކީއްވެގެންތޯ ސުވާލު ކުރިއެވެ. މުއްސަދި އެކުވެރިޔާ ބުންޏެވެ! މުދަލާ ކާބޯތަކެތީން މީހާގެ އަގެއް ކަނޑައެއް ނޭޅޭނެވެ. އެއީ ވަގުތީ ކަންކަމެވެ. ފަހަރެއްގައި މާދަމާ ތިބާ އަހަރެންނަށް ވުރެ ވެސް މުއްސަދި ވެދާނެ އެވެ. ކޮންމެ ވެސް އެއް ގެއެއްގައި ރޯދާ ވީއްލުން ބާއްވާ ގޮތަށް އަހަރެން ހަމަ ޖެއްސީ ޤަޞްދުގަ އެވެ.

ދެ މީހުންގެ މާއްދީ ޙާލަތު އަހަރެންނަށް އެނގެއެވެ. އެހެން ނަމަވެސް އަހަރެން ބޭނުންވީ ތިޔަ ދެ އެކުވެރިންގެ ދެވަނަ މޫނު ދެކޭށެވެ!

އަހަރެމެންގެ އެކުވެރިޔާ އާއި އަހަރެންނަށް ދަޢްވަތު ދިންކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. މިއަދު އަހަރެންނަށް ތިޔަ އެކުވެރިޔާގެ ޙަޤީޤީ މޫނު ފެނިއްޖެ އެވެ. އަދި އޭނަ އަކީ އެކުވެރިކަން ބޭއްވުން ޙައްޤު ނޫން މީހެއްކަން ވެސް އެނގިއްޖެ އެވެ. ތިބާގެ މަންމަގެ މޫނަށް ބަލާލާ ކޮންމެ ފަހަރަކު، އަހަރެންނަށް ލަދުވެތިކަން އިޙްސާސްކުރެވެ އެވެ. އެއީ ތިބާގެ އެކުވެރިކަން ދޫކޮށްލާފައި އޭނަ ދިޔައީ، އޭނަ އަށް ކަމުނުދާ ކާއެއްޗެއްގެ ސަބަބުންނެވެ. އެއީ ތިޔަ އެކުވެރިންގެ ޙާލަތު އެއްގޮތްވުމާ ވެސް އެކުގަ އެވެ. ނަމަވެސް އޭނާ ބޮޑާކަމުގެ ފޭރާން ލީ އެވެ. އެއީ އަހަރެންނަށް އޭނަ އަކީ މުއްސައްޖެން ކަމަށް ހީކުރުވުމަށެވެ. އޭނާއަކަށް އޭނާގެ އަޚުންނާއި ބައްޕަ މަސައްކަތް ކުރަނީ އަހަރެންގެ ބައްޕަގެ ފެކްޓަރީގައި ކަމެއް ނޭނގެ އެވެ.

ނަމަވެސް ތިބާ އަކީ ވަޤީޢި މީހެކެވެ. ލިބިފައި ނެތް ތަނަވަސް ކަމެއް ދައްކާކަށް މަސައްކަތެއް ނުކުރަމުއެވެ. އަދި ދެ މީހުންގެ ތަނަވަސްކަމުގެ ތަފާތުން ތިބާ ލަދުވެއްޗެއް ނުވަމު އެވެ. އަހަރެންނަށް އެކަންކަން ވަރަށް ކަމުގޮސްފި އެވެ. އަހަރެން އަލަށް ފައްޓަން ޤަޞްދު ކުރާ މަޝްރޫޢުގެ ބައިވެރިޔަކަށް ތިބާ ހަދަން އަހަރެން ޤަޞްދުކުރަމެވެ. އަހަރެން ހުރީ ދެ މީހުންގެ ތެރެއިން އިޚްތިޔާރު ކުރާނީ ކާކުތޯ ބަލާނެ ގޮތެއް ނޭނގިފަ އެވެ.

ނަމަވެސް މިއަދު ހިނގާދިޔަ ކަންކަމުން ގޮތް ނިންމަން ފަސޭހަވެއްޖެ އެވެ.

ވާހަކައިން ލިބޭ ޢިބުރަތް: "ތިބާ އަކީ ކޮންމެ ފެންވަރެއްގެ މީހަކަށް ވިޔަސްއެކަމަށް ލަދުވެތި ނުވާށެވެ. ތިބާގެ ކިބައިގައި ނެތް ފެންވަރެއް ނެތް ޙައިޘިއްޔަތެއް ދައްކަން މަސައްކަތް ނުކުރާށެވެ. ހުރިހާ ޙާލަތެއްގައި ވެސް ތިބާ އަކީ ރީތި އެންމެ މޫނެއްގެ ވެރިޔަކަށްވާށެވެ."

ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.