Last Updated: April 30, 05:48
Wednesday, April 30, 2025
ދުނިޔެ

ޔުކްރޭން ހަނގުރާމަ އަށް 3 ދުވަހުގެ ހުއްޓުމެއް!

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ރަޝިއާ ސަރުކާރުން ބުނީ ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލާނީ އަންނަ މަހުގެ 8-11 އަށް ކަމަށެވެ. ރަޝިއާގެ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އެގޮތަށް ނިންމެވީ ދެވަނަ ބޮޑު ހަނގުރާމައިގައި ރަޝިއާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ހަރަކާތްތަކެއް ހިންގަން ރާވާފައިވާތީ އެވެ.

ވަގުތީ ގޮތުން އެންމެ ތިން ދުވަހަށް ރަޝިއާ އިން ހަނގުރާމަ ހުއްޓައިލަން ނިންމުމާ ގުޅިގެން، ޔުކްރޭންގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބިހާ ވަނީ އެ މުއްދަތު އެންމެ މަދުވެގެން މަސް ދުވަހަށް ހަދައިދޭން ގޮވާލައްވައިފަ އެވެ. އެގޮތުން އެކްސްގައި އޭނަ ކުރެއްވި ޕޯސްޓެއްގައި ޕެރޭޑެއް ބާއްވަން ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ ވަގުތު އަދިވެސް ނާންނަތޯ ސުވާލު ކުރައްވާފައިވެ އެވެ.

ރަޝިއާ އާއި ޔުކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ އެމެރިކާ މެދުވެރިގެން މިހާރު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ. މި މަޝްވަރާތައް ފެށުނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ހަނގުރާމަ 100 ދުވަހުގެ ތެރޭގައި ގެންނަވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން މި ހަނގުރާމަ ފެށީ 2022 ގެ ކުރީކޮޅު އެވެ.