ރާއްޖެ އާއި މެލޭޝިއާގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށް މަޝްވަރާތަކެއްކޮށްފި އެވެ.
މި މަޝާވަރާތައް ކުރިއަށް ގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މެލޭޝިއާގެ ޓްރޭޑް މިނިސްޓަރު ވަޒީރު ޓެންގްކު ޒަފްރުލް ޓެންގްކު ޢަބްދުލް ޢަޒީޒުއާ އެކު ބޭއްވި ބައްދަކުވުމެއްގަ އެވެ.
ސައީދު ވިދާޅުވެފައި ވަނީ ރާއްޖެ އިން މިހާރު އެކުލަވާލާފައި އޮތް ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ޙިމާޔަތް ލިބި، ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތް ކަމަށެވެ. އެގޮތުން މެލޭޝިއާ އިން ވެސް ރާއްޖޭގައި އިންވެސްޓް ކުރުމަކީ ގައުމުގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މެލޭޝިއާ ދަތުރުގެ ތެރެއިން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ އިންވެސްޓްމަންޓް ފޯރަމެއް ވެސް އިންތިޒާމުކޮށްފަ އެެވެ. އިއްޔެ އެ ފޯރަމް ފެށުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވާފައިވެ އެވެ.
އެ ފޯރަމްގައި މެލޭޝިޔާގެ ޓްރޭޑް މިނިސްޓަރު ޒަފްރޫ ޢަބްދުލްޢަޒީޒް ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.