Last Updated: April 30, 05:48
Wednesday, April 30, 2025
މުނިފޫހިފިލުވުން

އިންޑިއާގެ ފިލްމުން ހާނިއާ ބޭރުކޮށްލަނީ

ކަޝްމީރަށް ދިން ހަމަލާގެ ދިލަގަނޑާ އެކު އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގެ ދަށުން އެ ގައުމުގެ ބަތަލާއަކު ރޯލެއް ކުޅުނު ފިލްމަކުން އޭނަ ބޭރުކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ދާދި ފަހުން އިނގިރޭސިވިލާތުގައި މަންޒަރުތަކެއް ނެގި ޕަންޖާބީ ފިލްމު "ސަރުދާރު ޖީ 3" ކަމަށެވެ. އިންޑިއާގެ މަޝްހޫރު އެކްޓަރު ދިލްޖީތު ދޮސަންޖްގެ މި ފިލްމުގެ ރޯލެއް ކުޅުނީ ޕާކިސްތާންގެ ބަތަލާ ހާމިއާ އާމިރެވެ.

އޭނަގެ އިތުރުން ފިލްމުގެ ކާސްޓްގައި ބަތަލާ ނީރޫ ބަޖްވާ ވެސް ހިމެނެ އެވެ.

"ސަރުދާރު ޖީ 3" އަކީ ހާނިއާ، 28، ކުޅުނު އިންޑިއާގެ ފުރަތަމަ ފިލްމެވެ. އޭނަ އަކީ ޕާކިސްތާންގެ މިހާރުގެ އެންމެ މަޝްހޫރު އެެއް ބަތަލާ އެވެ. ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކާއި ފިލްމުތަކެއް ކުޅެފައިވާ ހާނިއާގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ޕަރުދޭ މޭ ރެހެނޭ ދޯ" އެވެ.

އޭނަގެ އެންމެ ފަހުގެ ސިލްސިލާ އަކީ އޭއާރްވައި ޑިޖިޓަލް އިން މިދިޔަ އަހަރު ގެނެސްދިން "ކަބީ މޭ، ކަބީ ތުމް" އެވެ. ހާނިއާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޕާކިސްތާންގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް "ޖޯ ބަޗޭ ހޭ ސަންގް ސަމައިތު ލޯ" އާއި ސިލްސިލާ "ކޭސޭ ހޭ ޔޭ ރުސުވާއީ" ހިމެނެ އެވެ.

މީޑިއާތަކުން ބުނީ ކަޝްމީރުގެ ޕަހަލްގާމަށް މިދިޔަ ހަފުތާގައި ތިން ހަމަލާގައި 26 މީހަކު މަރައިލުމާ ގުޅިގެން، އިންޑިއާ އާއި ޕާސްކިތާނުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، ޕާކިސްތާންގެ ފަންނާނުން ބޮއިކޮޓް ކުރުމުގެ ގޮވެލި އިންޑިއާގައި ގަދަވަމުންދާތީ "ސަރުދާރު ޖީ 3" ގައި ހާނިއާ ނުހިމަނަން ނިންމީ ކަމަށެވެ.

އެހެންވެ އޭނަ ފިލްމަށް ޝޫޓްކުރި މަންޒަރުތަކުގެ ބަދަލުގައި އިންޑިއާގެ ބަތަލާއަކު ހިމަނައިގެން އެ މަންޒަރުތައް އަލުން ޝޫޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ވަކި އެެއްޗެއް ނުބުނެ އެވެ.

ކަޝްމީރުގެ ހަމަލާ އައިސްފައި މި ވަނީ ޕާކިސްތާން އެކްޓަރު ފަވާދު ޚާން ކުޅުނު އިންޑިއާގެ އާ ފިލްމު "އަބީރް ގުލާލް" ވެސް އަންނަ މަހުގެ 9 ގައި ރިލީޒްކުރަން ތައްޔާރުވަމުން ދަނިކޮށެވެ. މަސްރަހު މިހާރު އޮތް ގޮތުން އެ ފިލްމު އެ ތާރީހުގައި ސިނަމާތަކަށް ގެނައުމުގެ އެއްވެސް އުންމީދެއް މިހާރު ނެތެވެ.

ސަބަބަކީ ފިލްމު ބޮއިކޮޓްކުރަން ގޮވައިލަމުން އަންނާތީ އެވެ.