Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު ވައްދައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަބައެއްގެ ތުހުމަތު މިނިސްޓަރަށް އަމާޒުވާތީ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ނާޒިލް ވިދާޅުވި އެވެ.

މި ހާދިސާ ހިނގުމުގެ ކުރިން، އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން އެންމެ ފުރަތަމަ ގޮސްފައިވަނީ މއ. މާންދޫގޭދެކުނުގެއަށެވެ. މިއީ މިނިސްޓަރު އަމީނުގެ ވެސް ގެކޮޅެވެ. ޔުމްނުއާ އެކު އެރޭ އުޅުނު މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން ރޭ މީޑިއާތަކަށް ބުނީ މއ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ފުލުހުންނަށް ނުލިބުނު ކަމަށާއި ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް ގޭގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޭގެ ވެރިފަރާތުން ބުނިގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީންކުރަން މަސައްކަތް ކުރި ކަމަށާއި އެގޮތުން ސީސީޓީވީ ފުޓޭޖު ނެތްކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.