Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އިންސްޕެކްޓާ ކޯހުގެ 4 ވަނަ ބުރު ފަށައިފި

ފުލުހުންގެ އިންސްޕެކްޓާ ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫގައި ފަށައިފި އެވެ.

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ކުރިއަށްދާ ކޯހުގައި 31 ފުލުހަކު ބައިވެރިވެ އެވެ. އެއީ އެއީ 25 ފިރިހެން ފުލުހަކާއި ހަ އަންހެން ފުލުހެކެވެ.

އަށް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައި ދޭނެ އެވެ.

އިންސްޕެކްޓަ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވޭނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.